އެމްއާރްއެމް

އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އިންތިޚާބުގައި ވަކިން ނުކުންނާނަން: އެމްއާރުއެމް

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަކި ދާއިރާތަކަށް ވާދަކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއާރުއެމްއިން އަމަލުކުރާނެ ގޮތެއް ނިންމާނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެގޮތުން އެމްއާރުއެމްގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ކޯލިޝަންގެ ބައިވެރިންނާ އަދިވެސް މަޝްވަރާކުރުމަށް ނިންމާފައިވާނެ ކަމަށް އަލީމް ވިދާޅުވިއެވެ.

އެގޮތުން އަދާލަތު ޕާޓީއާ މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދާލަތު ޕާޓީވެސް އޮތީ ކޯލިޝަނުން ނިންމާ ގޮތަކަށް އަމަލުކުރަން ތައްޔާރަށް ކަމަށް އަލީމު ވިދާޅުވިއެވެ. އަލީމު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި މަޝްވަރާކުރުމަށް ފަހު އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާނަމަ މަޖިލިސް އިންތިޚާބުގައި އެމްއާރުއެމުން ވަކީން ނުކުންނާނެ ކަމަށެވެ.

''ކޯލިޝަންގައި އޮތް ޕާޓީތަކާ މަޝްވަރާކުރުމަށްފަހު އެއްބަސްވުމަކަށް ނާދެވޭނަމަ ވަކިން ނުކުންނާނީ. ވަކީން ނުކުތަސް ކޯލިޝަން ރޫޅޭ ގޮތަކަށް ނުނިކުންނާނަން.'' އަލީމް ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބުގައި ވަކީން ވާދަކުރުމަކީ ކޯލިޝަން ރޫޅޭ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ 87 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތަށް ނުކުންނަން 13 ދާއިރާ އިއުލާންކޮށްފައެވެ.

ކޯލިޝަނުން ލިބިފައިވާ ހިއްސާގެ ނިސްބަތުން ބަލާ ނަމަ ރައީސް މައުމޫނުގެ އެމްއާރްއެމް އަށް މަޖިލީހުގެ 17 ދާއިރާ ލިބިވަޑައިގަންނަވާނެ އެވެ.