މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ހަރަދުތައް ފޫބެއްދުމަށް މާލީ އިދާރާތަކުން 215.37 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރަނީ

އިބްރާހިމް ޒަކީ

ކޯވިޑް 19 އާގުޅިގެން ރައްޖޭގެ އިގްތިސާދު އަޑިއަޅާފައިވާ މިދަނޑީވަޅުގައި އެކި ކަންކަމަށް ބޭނުން ކުރުމަށް، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން 215.37 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިހާލަތުގައި ހަރަދު ކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް ދިގު މުއްދަތުގެ ލޯނު ނެގޭ ގޮތް ހެދުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ފިނޭންސް މިނިސްޓްރީން އަމަލު ކުރުން ލާޒިމު މާއްދާތައް އިސްތިސްނާ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ހިމެނޭ މައުލޫމާތު ތަކުން އެނގޭ ގޮތުގައި، އެފަދަ ބައެއް އިދާރާތަކުގެ އެހީ މިހާރު ވަނީ ރާއްޖެއަށް ލިބުމުގެ މަގުމަތީގައެވެ.

އެގޮތުން ވޯލްޑް ބޭންކުން މިހާތަނަށް 10 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 20 މިލިއަން ޑޮލަރު ހަމަޖެހި ދޫކުރުމުގެ މަގުމަތީގައިވާ ކަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވަރާތައް ނިމި 30 މިލިއަން ޑޮލަރު ބޯޑު އެޕްރޫވަލްއަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ އިދާރާތަކާއި މިހާތަނަށް ލިބިފަިއވާ ނަތީޖާ:

  • ވޯލްޑް ބޭންކުން - 30.10 މިލިއަން ޑޮލަރު: މީގެ ތެރެއިން 10 މިލިއަން އެމެރިކާ ޑޮލަރު ކެޓް - ޑީޑީއޯ ގެ ތެރެއިން ވަނީ ލިބިފައި، އަދި އެހެން މަޝްރޫޢުތަކަށް ލިބިފައިވާ ފައިސާ ބަޖެޓް ސަޕޯޓަށް ރީއެލޮކޭޓް ކުރުމަށް އަންނަނީ މަޝްވަރާކުރަމުން
  • އޭޝިއަން ޑިވެލޮޕްމަންޓް ފަންޑު - 27.60 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް- 5 މިލިއަން ޑޮލަރު (މަޝްރާކުރަމުންދަނީ)
  • އިންޓަނޭޝަނަލް މަނިޓަރީ ފަންޑު- 30 މިލިއަން ޑޮލަރު (މަޝްވަރާ ނިމި ބޯޑް އެޕްރޫވަލް މަރުހަލާގައި)
  • އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް- 25.59 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)- 20 މިލިއަން ޑޮލަރު (ފައިސާ ހަމަޖެހި ދޫކުރުމުގެ މަގުމަތީގައި)
  • އިންޓަރނޭޝޭނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)- 50 މިލިއަން ޑޮލަރު (މަޝްވަރާކުރަމުންދަނީ)
  • ސާކް ޑިވެލޮޕްމަންޓް ފަންޑު- 1.50 މިލިއަން ޑޮލަރު- (މަޝްވަރާކުރަނީ)
  • ޔުނިސެފް- 0.18 މިލިއަން ޑޮލަރު
  • އެޗް.އެސް.ބީ.ސީ، އެސްޓީއޯ ޓްރޭޑް ފައިނޭންސް ފެސިލިޓީ- 25 މިލިއަން ޑޮލަރު- (މަޝްވަރާކުރަމުންދަނީ)

މީގެ އިތުރަށް، ރަހުމަތްތެރި ގައުމުތަކާއެކު ބައިލެޓެރަލް ގުޅުންތަކުގެ ތެރެއިން ފައިސާ އާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރަމުން އަންނަ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެމިނިސްޓްރީން ބުނީ ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށެވެ.