އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ގޮތެއް ހޯދައިދެވިފައި ނުވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
ޝަރީފް ހުށަހެޅި މި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް 19 ފެތުރެމުން ދިއުމާ ގުޅިގެން ކުއްލިއަކަށް މާލެ ލޮކްޑައުން ކުރިއިރު އަތޮޅުތަކުން ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ދަތުރުވެރިންނަށް ރަށަށް ދެވޭނެ ގޮތެއް ހަމަޖެހިފައިވާކަން ނޭނގޭ ކަމަށެވެ.
އެކަން އެހެން އޮތުމާއި، ލޮކްޑައުންއާ ގުޅިގެން މާލޭގައި ގެދޮރުނެތި މަގުމަތިވަމުންދާ މީހުންނަށް އެއްވެސް ގޮތެއް ހަަމޖެހިފައިވާކަން އެނގެން ނެތުމާއެކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ކުއްލި މައްސަލ ހުށަހެޅުއްވުމުން މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވަނީ ވޯޓު ނަގައިފައެވެ.
ނެގިވޯޓުގައި، ޖަލްސާގަިއ ތިއްބެވި 73 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެން އެ މައްސަލައަށް ބަހުސްކުރަން ވަނީ ފާސްކޮށްފައެވެ.