އިންޑިއާ

އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި ދިރިއުޅޭ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިންހާ ފާއިޒް ރަޝާދު

އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދުގެ ރަސްމީ ގެކޮޅު، ރާޝްތުރަޕަތީ ބަވަންގައި އުޅޭ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސްގެ ގެކޮޅުން ނެރުނު ނޫސްބަޔާނުގައި ބުނީ ޕޮޒިޓިވް ވީ މުވައްޒަފެއްގެ އާއިލާގެ މީހެއް ކަމަށާއި އެކަމާ ގުޅިގެން ކަރަންޓީނު ފެސިލިޓީއަކަށް އެއާއިލާއާއި އިތުރު މީހުންވެސް ބަދަލު ކޮށްފައިވާ ކަމަށެވެ. ކަރަންޓީނު ކޮށްފައިވަނީ ރެސިޑެންޝިއަލް ސެކްޝަނުގައި އުޅޭ އާއިލާތަކުގެ 115 މީހުނެވެ.

ޕޮޒިޓިވް ވި މީހާ ހޯދިފައިވަނީ މި ބަލީގައި މަރުވި އެހެން މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރުކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"ކޮވިޑްބަލީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވުމުން އޭނާގެ ކޮންޓެކްޓް ޓްރޭސް ހެދި އިރު، މިމީހާ ޕޮޒިޓިވް ވީ." ނޫސް ބަޔާނުގައި ވެއެވެ.

މިއީ އިންޑިއާގެ ރައީސްގެ ގެކޮޅުން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއެވެ. އިންޑިއާގެ ވެރިރަށް ދިއްލީގައި އެކަނިވެސް ދެހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 47 މީހަކު ވަނީ މަރުވެފައެވެ.