ރައްޔިތުންގެ މަޖިލިސް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަން ކުރުމަށް ފޮނުއްވި ސިޔާނަތުގެ ނަން ޖެންޑާ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމް ގެނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފިޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަން ކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަން އެއް ހުންނަންވާނެ، ކަމަށެވެ.

އެމަގާމަަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަން ބޭނުން ކޮންމެ ފަހަރަކު އެއްނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަސް ރައީސް ހުށަހަޅަންވާނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަން، ނުވަތަ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއިން ފާސްކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާ އެމަގާމަށް އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގައި ބުނެފައިވަނީ އޮމްބަޑްސްޕާސަން ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބު ދާރީވާނީ މަޖިލީހަށް ކަމަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން މިގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒިފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި،

އެފަދަ އިދާރާތަކާއި މުވައްޒިފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.