އިބްރާހިމް ޒަކީ
ނިޒާމީ މައްސަލައިގައި ފުރުސަތު ދެއްވުން ލަސްވުމުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރުޅިިއިސްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދިމާއަށް އަޑުގަދަކުރައްވަން ފެއްޓެވުމުން އެ މެންބަރުގެ މައިކުން އަޑު ކަނޑާލަން މަޖިލިސް ރައީސް އަމުރު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިިސް ރައީސް އެގޮތަށް އެންގެވީ، ޝަރީފް ނެންގެވި ނިޒާމީ މައްސަލައިގައި ވާހަކަ ދެއްކުމަށް މަޖިލިސް ރައީސް ފުރުސަތު ނުދެއްވި މައްސަލައިގައި ވަރަށް ހިތްމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސަށް ބާރު އަޑުން ފާޑު ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
އެ މައްސަލައިގައި ޝަރީފް ވިދާޅުވީ، މަޖިލިސް ރައީސް ގެންދަވަނީ ނާޖާއިޒު ގޮތެއްގައި ބާރުގެ ބޭނުން ކުރައްވަމުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ތަކުރާރުކޮށް މަޖިލީހުގެ ރައީސްގެ އަޑު އެއްސެވުމަށް ޝަފީރު އަރިހުން އެދިވަޑައިގެންނެވުމަށްފަހު ޝަރީފްވެ މައުން އަޑު ކަނޑާލައްވަން ތަކުރާރުކޮށް އަމުރު ކުރައްވައި އިރުކޮޅަކަށް ޝަރީފްގެ އަޑު ކަނޑުއްވައިލެއްްވިއެވެ.
މަޖިލީހުގެ ޖަލްސާގެ ވަކި ހިސާބަކުން ޝަރީފްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީ، ތަކުރާރުކޮށް ޝަރީފް ނިޒާމީ ނުކުތާއަށް އެދިވަޑައިގެންނެވި ނަމަވެސް އެކަަމަށް މަޖިލިސް ރައީސް ފުރުސަތު ނުދެއްވުމުންނެވެ.
މިހާރު އޮންލައިންކޮށް މަޖިލިސް ޖަލްސާ ހިނގަމުންދާތީ، ބަލާބެލުމަށް ލަފާކުރެވެނީ، އެފުރުސަތު މަޖިލީހުގެ ރައީސަށް ނޭރުވުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އެވާހަކަ ވިދާޅެއްނުވެއެވެ. ވިދާޅުވީ، އެފުރުސަތު ޝަރީފް ނުނެންގެވީ ކަމަށެވެ. އަދި އެކަމާ ރުޅިގަދަވެގެން ޝަރީފް ބާރަށް ވާހަކަ ދައްކަވަން ފެއްޓެވުމުން ޝަރީފްގެ މައިކުން އަޑު ކަނޑާލަން މަޖިލިސް ރައީސް އެންގެވިއެވެ. އެވަރުންވެސް ނުހުއްޓެވުމުން ޝަރީފްގެ ނަން އިއްވަވާނެ ކަމަށް ތަކުރާރު ކުރައްވައި މަޖިލިސް ރައީސް ޝަރީފަށް އިންޒާރުވެސް ދެއްވިއެވެ.
ޝަރީފް ނިޒާމީ މައްސަލަ ނެންގެވީ، ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން، އެމްއެމްއޭއިން ސަރުކާރަށް ދިގު މުއްދަތުގެ ލޯނު ނެގޭ ގޮތަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ބައެއް މާއްދާތަކަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމުގެ ހުއްދައަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ނިންމެވީ އެކަމާގުޅިގެން ފިނޭންސް މިނިސްޓަރު ފޮނުއްވާފައި ހުރި ލިޔުންތައް މެންބަރުން ރަނަގަޅަށް ބައްލަވައި ދިރާސާކުރެއްވުމަށް ފުރުސަތު ދެއްވުމަށްފަހު މާދަމާގެ ޖަލްސާގައި އެކަމަށް ބަހުސް ކުރުމަށެވެ.
ފަހުން އެނިޒާމީ މައްސަލައިގައި ޝަރީފް ވިދާޅުވީ، ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް ހަރަދު ކުރަން ޖެހުމުން، އެފަދަ ހުއްދައަކަށް ސަރުކާރުން އެދޭއިރު އެވަރު މުހިއްމު މައްސަލައަކަށް ބަހުސް ކުރުން މަޑުޖައްސާލައިގެން ނުވާނެ ކަމަށެވެ. އަދި އެހެން ހުރިހާ ކަމެއް ފަހަތަށް ޖައްސާލުމަށްފަހު އެ މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ރައީސަށް އާދޭސް ދަންނަވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.