މިންހާ ފާއިޒް ރަޝާދު
ކޮވިޑް19ގެ ވައިރަސް ނޮވެލް ކޮރޯނާވައިރަސް ބަލި މީހުންގެ ހަށިގަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަ ކަމަށާއި ބޮޑުކަމުދާ ތަކެތީގައިވެސް ވައިރަސް ހުންނަ ކަމަށް ޗައިނާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއާ ހަވާލާދީ ސީއެންއެންގައި ވާގޮތުގައި ވައިރަސް ހުންނަނީ ފުއްޕާމޭގައާއި ބޮޑުކަމުދާތަކެތީގެވެ. ބަލިމީހެއް ނަމަ ގިނަ ދުވަސްވަންދެން އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެއެވެ. އެގޮތުން ތިން ހަފުތާވަންދެންވެސް ހުރެދާނެކަމަށް މި ދިރާސާގައި ވަނީ ބުނެފަ އެވެ.
ޗައިނާގެ ޒީޖިއަންގް ޕްރޮވިންސްގެ ހޮސްޕިޓަލަކުން ހެދި އެ ދިރާސާ ރިޕޯޓުގައި އިތުރަށް ބުނީ ލެއިން މި ވައިރަސް ފުރަތަމަ ނުފެންނަ ކަމަށާއި ނަމަވެސް ބައެއް މީހުންގެ ކުޑަކަމުދާތަކެތިން ފެނިފައިވާ ކަމަށެވެ.
މި ހޯދުންތަކުގެ ސަބަބުން ކޮވިޑް19ގެ ޕެޓާން އިތުރަށް ދެނެގަންނަށް ޑޮކްޓަރުންނަށް ފަސޭހަވެގެން ދާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ރިޕޯޓުގައި ސިއްހީ އެހެން މާހިރުންގެ ދިރާސާތަކާއި ހޯދުންތައްވެސް ވަނީ ހިމަނާފައެވެ.
އެ ހޮސްޕިޓަލުގައި ޖެނުއަރީ މަހުން މާޗު މަހުގެ ނިޔަލަށް ކޮވިޑަށް ފަރުވާ ހޯދި 96 މީހުންގެ ސާމްޕަލްތައް މި ދިރާސާގައި ވަނީ ޓެސްޓު ކޮށްފައެވެ. ސާމްޕަލް ޓެސްޓުކޮށްފައިވަނީ ނޭފަތުންނާއި ކަރުތެރެއިން އަދި ފުއްޕާމެއާއި ލޭ، ބޮޑުކަމުދާތަކެއްޗާއި ކުޑަކަމުދާތަކެތިންނެވެ. މައިގަނޑު މަގުސަދަކަށްވީ ވައިރަސް މީހެއްގެ ހަށިގަނޑުގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތޯ ދެނެގަތުމެވެ. އަދި އިތުރަށް ފެތުރެނީ ކިހިނެއްތޯ ހޯދުމެވެ. ބޮޑުކަމުދާ ތަކެތިން ކޮވިޑް ފެތުރިދާނެކަމަށް ދެކެވެމުންދިޔަ ވާހަކަތަކަށް މި ދިރާސާއިން ބާރުލިބެއެވެ.
މީގެ އިތުރުން އަންހެނުންނަށްވުރެ، ފިރިހެނުންގެ ހަށިގަނޑުގައި ގިނަ ދުވަހު ކޮވިޑް ވައިރަސް ހުންނަކަންވެސް މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
މީގެ ކުރިން ޗައިނާއިން ނެރުނު ދިރާސާއެއްގައި ބުނެފައިވަނީ ކޮވިޑް ބަލި ޖެހި އަލާމާތް ނުފެންނަ މީހުންގެ ނޭފަތުގައިވެސް ބަލި ޖެހި ބަލީގެ އަލާމާތް ހުންނަ މީހެކޭ އެއްވަރަށް ވައިރަސް ހުންނަކަން ހޯދިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް އަލާމާތެއް ނެތިވެސް މީހެއްގެ ހަށިގަނޑުގައި ކޮވިޑް ހުންނަ ކަމަށާއި އެމީހާގެ ފަރާތުން ބަލި ފެތުރުމަށްވެސް މަގުފަހިވާ ކަމަށެވެ.