އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ މިއޮތް ކުއްލި ނުރައްކަލުގެ ހާލަތުގައި، ޖިނާއީ މައްސަލަތަކުގައި ދައުވާކުރަން ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް އިތުރު ބާރުތަކެއް ދޭން ސަންސެޓް ގާނޫނެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެފަދަ ގާނޫނެއް ފާސްކުރަން ކޮމިޓީން ސަަރުކާރަށް ހުށަހެޅީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާގުޅިގެން އެ ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މުއައްސަސާ ތަކުގެ މަސައްކަތްތަކާބެހޭގޮތުން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައެވެ.
އެ ރިޕޯޓްގައި ވަނީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ މުއްދަތުތައް ގާނޫނުތަކުން ކަނޑައަޅާފައިވާ މައްސަލަތަކުގައި އެމުއްދަތުތަކާ އެއްގޮތަށް ދައުވާ އުފުލުމުގެ ބޭނުންތެރިކަން ފާހަގަ ކުރާއިރު ކޮވިޑް 19 ގެ ޕެންޑެމިކްއާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމުސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ފުރިހަމަ ތަހުގީގެއް ކުރެވިގެން، އެމުއްދަތުތަކާ އެއްގޮތަށް ދައުވާ އުފުއްލެވުމަށް ބޮޑެތިި ހުރަސްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން "ދައުވާ އުފުއްލެވުމުގެ ފުރުސަތު އެއްކޮށް ގެއްލިިގެން ހިނގައިދާނެތީ ބޮޑެތި ހުރަސްތައް ކުރިމަތިވާ މައްސަލަތައް ކަމަށް ކަނޑައެޅޭ މައްސަލަތަކުގައި، މި ސިއްހީ ކުއްލިި ނުރައްކަލުގެ ހާލަތުގައި އެކަނި އަމަލުކުރެވޭ ގޮތަށް އިތުރު މުއްދަތެއް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ހާއްސަ އިސްލާހެއް ގެނައުމަށް ނުވަތަ ސަންސެޓް ގާނޫނެއް ފާސްކުރަން ހުށަހަޅާ،" ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމުގައި އަވަހަށް ނިންމަން ޖެހޭ މައްސަލަތައް ކަނޑައަޅައި އެމައްސަލަތަކަށް އެންމެ ފުރަތަމަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށްވެސް ހުށަހަޅާފައި ވެއެވެ.
އަވަހަށް ނިންމަން ޖެހޭ މައްސަލަތައް ކަނޑައެޅުމުގައި ބަންދާމެދު ގޮތް ނިންމުމަށް ހުށަހަޅާ މައްސަލަތަކާއި، ހުކުމަކާނުލައި ހައްޔަރުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތުގެ މައްސަލަތަކާއި، އެފަދަ މީހުންގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ގެވެށިއަނިޔާގެ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތަކާއި، ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ލާޒިމުކޮށްފައިވާ މައްސަލަތަކާއި، ކޯޓު އަމުރުގެ މައްސަލަތައް ހިމެނެންވާނޭ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.