ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ޖަމާ ކުރެވޭ ނަގުދު ފައިސާގެ އަދަދު އިތުރު ކޮށްފިއެވެ.
ބީއެމްއެލް އިން މައުލޫމާތުދިން ގޮތުގައި ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައި ވުމުގެ ސަބަބުން އެ ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ވަނީ ބަންދު ކޮށްފައެވެ. މި ދަނޑިވަޅުގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އަދަދު އިތުރު ކޮށްފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެއެވެ.
އެގޮތުން ބީއެމްއެލް ގެވިޔަފާރި އެކައުންޓަކަށް މިހާރު ދުވާލަކު 500،000 ރުފިޔާ ޖަމާ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ކުރިން އޭޓީއެމް މެދުވެރިކޮށް ބީއެމްއެލްގެ ވިޔަފާރި އެކައުންޓަކަށް ޖަމާ ކުރެވެނީ 200،000 ރުފިޔާ އެވެ.
މީގެ އިތުރުން އާންމު ފަރުދުންގެ އެކައުންޓުތަކަށް މިހާރު ދުވާލަކު 100،000 ރުފިޔާ ޖަމާ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ ކުރިން އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކަށް ޖަމާ ކުރެވެނީ 50،000 ރުފިޔާ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބީއެމްއެލުން ވަނީ ހަމަޖައްސާފައެވެ.