ކޮވިޑް 19 އާ ގުޅިގެން ކުޅުންތެރިންނާ ކޯޗިން ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރުމަށް އާސެނަލްގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެއްބަސްވެއްޖެއެވެ.
އާސެނަލް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗު މިކޭލް އާޓެޓާ އާއި ޓީމުގެ އޮފިޝަލުންގެ މުސާރަ ކުޑަކުރަން ނިންމާފައިވަނީ އަންނަ މެއި މަހުން ފެށިގެންނެވެ. މުސާރަ ކުޑަކުރުމަށް ކުޅުންތެރިން އެއްބަސްވީ ޔުއެފާ ޗެމްޕިއަންސްލީގަށް އަންނަ ސީޒަނަށް ކޮލިފައިވެއްޖެނަމަ ބޯނަހެއްދޭނެ ކަމަށް ކްލަބުން ބުނެފައިވާތީއެވެ.
އާސެނަލުން ކުޅުންތެރިންނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ޕައުންޑްގެ ބޯނަހެއް ދޭން ވަނީ ނިންމާފައެވެ. އަދި އަންނަ ސީޒަނުގައި ޕްރިމިއާ ލީގު އާސެނަލުން ކާމިޔާބުކޮށްފިނަމަ އިތުރު ފަސް ލައްކަ ޕައުންޑް ދޭން ހުށަހަޅާފައިވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޔުރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އިތުރު އެއް ލައްކަ ޕައުންޑް ދިނުމަށްވެސް ކުޅުންތެރިންނަށް ހުށަހަޅާފައި ވެއެވެ. ޕްރިމިއާ ލީގުގައި އާސެނަލް އޮތީ ނުވަވަނައިގައެވެ. އާސެނަލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ ކްލަބްތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅުމަށް އެއްބަސްވިކަން އިއުލާނުކުރި ފުރަތަމަ ކްލަބެވެ.
ޕްރިމިއާ ލީގުގެ އެންމެ ކުރީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާ އިން މުސާރަ ކުޑަކުރަން ނިންމުމަށް ފަހު އެނިންމުންވަނީ އަނބުރާ ގެންގޮސްފައެވެ.