އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މިހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުގެ 1 ވާނީ މި އެޕްރީލު މަހުގެ 24 ވާ ހުކުރު ދުވަހަށެވެ.
މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ (އެޕްރީލު 22 ވަނަ ދުވަހު) އިރު އޮއްސުމަށްފަހު ދުނިޔޭގެ އެއްވެސް ތަނަކަށް ހަނދެއް ނުފެންނާނެއެވެ. ސަބަބަކީ، ދުނިޔޭގެ ހުރިހާ ތަނަކަށްވެސް އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭ ކަމެވެ. މިގޮތުން، ރާއްޖޭގެ އެންމެ އުތުރަށް އިރު އޮއްސުމުގެ 24 މިނެޓު ކުރިން، މާލެއަށް 23 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް 21 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އަދި، މެލޭޝިޔާއަށާއި، އިންޑޮނީޝިއާއަށާއި، ޕާކިސްތާނަށާއި، ސަޢޫދީ ޢަރަބިއްޔާއަށާއި، މިސުރަށާއި، ތުރުކީއަށާއި، މޮރޮކޯއަށާއި، މި ތަންތަނަށް އެދުވަހުގެ އިރު އޮއްސުމުގެ 21 މިނެޓާއި 37 މިނެޓާ ދެމެދުގެ ވަގުތެއްގެ ކުރިން ހަނދު އޮއްސެއެވެ.
މި އެޕްރީލު މަހުގެ 23 ވަނަ ދުވަހުގެ (ޝަޢުބާން މަހުގެ 30 ވަނަ ދުވަހުގެ) އިރު އޮއްސުމަށްފަހު ހަނދު ނޯއްސި މާލެއަށް 20 މިނެޓު ހުންނާނެއެވެ. އެދުވަހު މާލެއަށް އިރު އޮއްސޭ ގަޑިއަކި 18:11 އެވެ. ހަނދު އޮއްސޭ ގަޑިއަކީ 18:31 އެވެ. އެހެންނަމަވެސް، ޝަޢުބާން މަހުގެ 30 ދުވަސް ހަމަވުމުން، އެރެޔަކީ ޝަރުޢީ ގޮތުން ހަނދު ބަލަން ޖެހޭ ރެޔަކަށް ނުވާނެއެވެ.
ރާއްޖެއާ އެއްދުވަހެއްގައި މި ޝަޢުބާން މަސް ފެށުނު ކޮންމެ ޤައުމަކަށްވެސް ރަމަޟާން 1 ވާނީ އަންނަ ހުކުރު ދުވަހަށެވެ.
އެޑިޓަރުގެ ނޯޓު: ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ އިލްމީ ލިޔުއްވުން ތަކަކީ ދިވެހީންގެ މެދުގައި މަގުބޫލު ލިޔުއްވުން ތަކެކެވެ. ދީނީ އެކި ކަހަލަ މައްސަލަތަކުގަ އާއި ފަލަކީ އިލްމުގެ ރޮނގުން، ވަކީން ހާއްސަކޮށް މުނާސަބު ވަގުތު ތަކުގައި މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ މިފަދަ އިލްމީ މަޒުމޫނުތައް ލިޔުއްވަމުންނެވެ. އެ ގޮތުން މި މަޒުމޫނަކީ ވެސް އެމަނިކުފާނުގެ އިލްމީ ލިޔުއްވުންތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ އަދި ހާލަތާއި ގުޅޭ މުނާސަބު ލިޔުއްވުމެކެވެ.