އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ނިންމަވައިފިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުއާދު ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށެވެ.
"އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކުރާތީވެ، އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދެންނެވީމެވެ..،" މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކުރެއްވުމަށް ފުއާދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވީ އަބްދުﷲ ސިނާނެވެ. ޕީޕީއެމް އިން ވަކިވުމަށްފަހު ސިނާން އަދި ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.