ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިދާރާއިން ކަރަންޓް ކެނޑިގެން ފަސްކުރި ޖަލްސާ މާދަމާ ބާއްވަން ނިންމައިފި

އިބްރާހިމް ޒަކީ

މިއަދު 11:00 ފަށަން ތައްޔާރުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑިގެން، ފަސްކުރި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މާދަމާ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ، "މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަމުންދާތީ މިއަދު ބާއްވަން ހަމަޖެއްސި ޖަލްސާ މާދަމާއަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަން،" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި، ފުރަތަމަ ކަމަކަށް، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި، އޮތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މީހަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަަލަ ކޮމިޓީއަށް ފޮނުވުމެވެ.

މީގެ އިތުރުން އިބްތިދާއީ ބަހުސްގެ ގޮތުގައި ފަސްކަމެއް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއަދުގެ އެޖެންޑާގައި ކައުންސިލް އިންތިހާބާ ބެހޭގޮތުން ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަބިލު 2020" ގެ އިބްތާއީ ބަހުސްގެ ގޮތުގައި ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން އަންނަ މަހުުގެ 4 އަށް އިންތިހާބީ މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ބިލާއި، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ވ. ފުލިދޫ ގިރެމުންދާ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ހުށަހަޅާ ގަރާރުގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު الله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި އަންހެނުންނާ މެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަރާރު ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ނުނިމި ހުރި މަސައްކަތްތަކުގެ ގޮތުގައި 6 ކަމެއް އެޖެންޑާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ހަކަތައިގެ ބިލާއި، މަތީ ތައުލީމުގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދު الله ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ކުރިއަށްދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ތިންކަމެއް މިއަދަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލައިގެ ރިޕޯޓާއި، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާގުޅިގެން ލާމަރުކަޒީ ކޮމިޓީއާ ލުވި މަސައްކަތްތަކާބެހޭ ރިޕޯޓް ހުށަހެޅުމެވެ.

މީގެ އިތުރުން ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮމިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.