ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. ރާއްޖޭގެ ވެރިރަށް މާލެއިން މި ބަލި ފުރަތަމަ ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަަށް މިވީ ހަފުތާއެއްހާ ދުވަސް ތެރޭގައި ގިނަ ބަޔަކު މި ވަނީ ބައްޔަށް ޕޮޒިިޓިވް ވެފަ އެވެ.
މާލެއަށް ބަލި ފެތުރިފައިވާއިރު، އަތޮޅުތެރެއިންވެސް އިއްޔެ ވަނީ ބައްޔަށް މީހަކު ޕޮޒިޓިވްވެފައެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް މި ބަލީގެ ނުރައްކާ މިހާރު އެބައޮތެވެ. މާލެއަށް ބަލި ފެތުރެން ފެށުމުން ސަރުކާރުން ވަނީ 14 ދުވަހަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި މަގުތަކަށް މީހުން ނުކުތުން ޒަރޫރީ ހާލަތްތައް އިސްތިސްނާވާ ގޮތަށް މަނާކުރެވުނެވެ. އެގޮތަށް ނުކުންނައިރުވެސް ހާއްސަ ހުއްދައެއް ހޯދަން ޖެހޭއިރު، އިޖުތިމާއީގައިދުރުކުރުން ބެހެއްޓުމަށް އަންނަނީ އިރުޝާދު ދެމުންނެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގައިދުރުކުރުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ލޮކްޑައުންއާއެކު ގެތަކުގައި މީހުން ތިބޭއިރުވެސް ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް ނުވަތަ ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ގައިދުރުކަން އެކަކު އަނެކަކާ ދެމެދު ބެހެއްޓުމެވެ. އެގޮތުން ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން މުހިންމެވެ.
މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ކަމޭހިތައިފިނަމަ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން މިވަގުތު މުހިންމީ ފަރުދީ ޒިންމާ އަދާކުރުމެވެ. ސްޕެއިނާއި، އިޓަލީ ފަދަ ގައުމުތަކުގައި ބަލި ފެތުރިގެން ދިޔަ ގޮތުން އިބްރަތް ހާސިލް ކޮށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން އެބަޖެހެއެވެ. ގޭތެރޭގައި ތިބޭށެވެ. ގައިދުރުކަމަށް ފަރުވާތެރިވާށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާކުރާ ގޮތުގައި މާލޭގައި މިހާރު ބަލި ޖެހޭ މީހުންގެ އަދަދުތަކަށް ބަލާއިރު ކުރިއަށް އޮތް 15 ނުވަތަ 21 ދުވަހުގެ ތެރޭގައި ބަލީގެ ޕީކްއަށް ދާނެއެވެ.