ރިޕޯޓް

ކޮވިޑުން ރައްކާތެރިވުމަށް ހަމައެކަނި ގޭގައި ތިބުމަކުންވެސް ނުފުދޭ، ހެޔޮނުވާނެ މިގޮތަށް އަމަލުކޮށްދީ!

މިންހާ ފާއިޒް ރަޝާދު

"ގޭގައިތިބޭ!" "ގޭގައި ތިބޭ!"، މިއީ ކޮވިޑް19 ގެ ވަބާ ދުނިޔޭގައި ފެތުރެންފެށުމާއެކު އެންމެ ގިނައިން އިވެންފެށި އަދި މިހާރުވެސް އިވެމުން އަންނަ ބަހެވެ. އަދި އެންމެ މުހިންމު ޖުމުލައެވެ. ސަބަބަކީ ބަލިން ރައްކާތެރި ވެވެނީ ވީހާވެސް ބޮޑަކަށް އެކަހެރިވެގެން ހުރުމުން ކަމަށްވާތީ އެވެ. ގޭގައި ހުރުން މުހިންމުވަނީ އެހެން މީހުންނަށް ބަލި ޖެހުން ހުއްޓުވުމަށްޓަކަ އެވެ. އަދި އަމިއްލަ މީހާވެސް ބަލިން ރައްކާތެރިވުމަށެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގު، މިދިޔަ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު ހާލަތު މި އޮތް ގޮތަށް ބަލާއިރު ބަލި ހުރީ ކާކުގައިކަން ނޭނގޭނެ ކަމަށާއި މިވަގުތު އުޅެންވީ ކޮންމެ މީހަކީވެސް ކޮވިޑް ޖެހިފައިވާ މީހެއް ކަމަށް ބަލައިގެންނެވެ. މީގެ އިތުރުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ މީހުންވެސް އަބަދުވެސް ގައިދުރުކަން މަތީން ހަނދާން ނައްތާނުލުމަށް ޑރ. ނަޒްލާ އިރުޝާދު ދެއްވިއެވެ. ކިއުއެއްގައި ޖެހޭނަމަ ދެން ހުންނަ މީހާއާއި ޖެހިގެން ހުރުން ފަދަ އާދަތައް ދޫކޮށްލައި، އަބަދުވެސް ގައިދުރުކަން އިހުތިޔާރު ކުރުމަށް އިިރުޝާދު ދެއްވިއެވެ.

ތެދެކެވެ. އެންމެ ހަ ދުވަސް ތެރޭގައި 62 މީހުން މާލެއިން މި ބައްޔަށް ޕޮޒިޓިވް ވުމަކީ ބިރުހުރި ކަމެކެވެ. އަދި މީގެ ކޮޅެއް ނުފެނެއެވެ. މިއަދާއި މާދަމާ ދެން ވާނެ ގޮތެއް ނޭނގެއެވެ. ބަލި ހުރީ ނެތީ ކާކުގެ ކަމެއް ވެސް ނޭނގެއެވެ. ކުރެވެން އޮތްހާވެސް ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ކަމާ ބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތައް އަޑުއަހައި ބަސްއެހުމެވެ. އެއީ އެންމެންގެ ރައްކަލަކަށްޓަކައެވެ.

ކޮވިޑް19 އަކީ ދުނިޔެއަށްވެސް އާ ބައްޔެކެވެ. ބަލި އުފެދުނު ގޮތްވެސް އަދި ހޯދިފައި ނުވާއިރު އެމެރިކާ އާއި ޗައިނާއިން ދަނީ އެއްގައުމުން އަނެއް ގައުމުގެ ބޮލުގައި މި ބަލި އުފަންކުރުމުގެ ތުހުމަތު އަޅުވަމުންނެވެ.

މުޅި ދުނިޔެއިން 2،400،000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބައްޔަށް ޔަގީން ބޭހެއް ނެތެވެ. ވެކްސިނެއް ނުއުފެއްދެއެވެ. މިއަދާއި ހަމަޔަށް އައި އިރު 170،000 އަށް ވުރެ ގިނަ މީހުން މިދުނިޔެއާ އަލްވަދާއު ކިޔާފައިވާ އިރު، އިތުރު އެތައް ހާސް ބަޔަކު އަންނަނީ މަރަށް ތެޅެމުންނެވެ. މެޝިނުގެ އެހީގައި ނޭވާލަމުންދާ އެމީހުން ގުނަމުންދަނީ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅެވެ.

އެހެން ކަމުން މިބަލިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވެ އެއަށް ފަރުވާތެރިވުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ. ފަރުދީ ޒިންމާއެކެވެ. ގައުމީ ވާޖިބެކެވެ.

އެންމެ މުހިންމު ކަމަކީ ސައިބޯނި ލައިގެން ވީހާވެސް ގިނަ ގިނައިން އަތް ދޮވުމެވެ. މި ވައިރަހަކީ ނޭފަތާއި އަނގަ އަދި ލޮލުގެ ޒަރީއާއިން ހަށިގަނޑަށް ވަންނަ އެއްޗެއް ކަމަށް މިހާތަނަށް ހޯދި ހޯދުން ތަކުން ވަނީ އެނގިގެންގޮސްފައެވެ. އެހެންކަމުން އުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުންވެސް މުހިންމެވެ. އިޖުތިމާއީ ގައިދުރުކަން ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގެ މަތީގައިވެސް މުހިންމެވެ.

ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު ފާހަގަކުރެވުނު އެއްކަމަކީ އެމީހުން ވަނީ ޕޮޒިޓިވް މީހަކާއެކު ބަންދު ކޮޓަރިއެއް ކަހަލަ ތަންތާނގައި މަސައްކަތްކޮށްފައި ކަމަށެވެ.

އެހެންކަމުން ގޭގައި އަމިއްލައަށް ކަރަންޓީނު ވެގެން ހުންނައިރުވެސް ކުޑަދޮރު ހުޅުވާލާފައި ބެހެއްޓުމަށް ޑރ ނަޒްލާ އިރުޝާފުދެއްވިއެވެ. އޭސީ ކޮށްފައި ހުންނަ ގޭގޭގައިވެސް ދޭތެރެއަކުން އޭސީ ނިިވާލައި ކުޑަދޮރުހުޅުވާލައި ވައި ދައުރު ކުރެވޭނެ ނިޒާމެއް ރާވައިލުމަށް ނަޒްލާ އިރުޝާދުދެއްވިއެވެ. ހަމައެއާއެކު ކާރަކަށް އަރާއިރުވެސް ކާރުގެ ދޮރުހުޅުވާލާފައި ބެހެއްޓުމުން ވައިރަސް ކާރުތެރޭ ހުންނަލެއް މަދުވާނެ ކަމަށާއި ވެންޓިލޭޝަން ރަނގަޅުވުމުން އިންފެކްޓް ވުމުގެ ފުރުސަތު ކުޑަ ކޮށްލާނެކަމަށް ވެސް ވިދާޅުވިއެވެ. 

މިވަގުތު މާލެ ލޮކްޑައުންގައި އޮތްއިރު ބޭނުންވާ ޒަރޫރީ ތަކެތި ހޯދަންޖެހިފައިވަނީ އޯޑަރުކޮށްގެންނެވެ. ގެއަށް ޑެލިވަރީ ކުރާ ތަކެތީގެ ރައްކާތެރިކަމަށްވެސް ބެލުމަކީ އަމިއްލަ ޒިންމާއެކެވެ. އެތަކެތި ހިފައިގެން ގެޔަށްދާ މީހާގެ ރައްކާތެރިކަމާއި އަމިއްލަ ރައްކާތެރިކަންވެސް ކަށަވަރުކުރަން އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވެދެއްވިއެވެ.

ފުރަތަމަ ކަމަކަށް ޑެލިވަރީ ކުރަން އަންނަ މީހާއާވެސް ހުންނަން ޖެހޭ އިޖުތިމާއި ގައިދުރުކަން ކަށަވަރުކުރަން ޖެހެއެވެ. މަދުވެގެން ތިން ފޫޓެވެ. ޑޮކްޓަރުގެ ލަފައަކީ ގެންނަ ތަކެތި ބެހެއްޓުމަށް ދޮރުކައިރީ ގޮނޑި ނޫނީ މޭޒެއް ބެހެއްޓުމަށެވެ. ފައިސާއިން މުއާމަލާތް ކުރަން ޖެހޭ ހާލަތްތަކުގައި ގޮނޑިމަތީ އެ ފައިސާވެސް ބެހެއްޓުމަށެވެ.

ޑރ ނަޒްލާގެ މި އިރުޝާދުތަކަށް އަމަލުކުރުމުން އަތުން އަތަށް ކުރެވޭ ކޮންޓެކްޓް ވަރަށް ބޮޑުތަނުން މަދުވާނެއެވެ. ހަމަ މިއާއެކު ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ކަންކަމަށް ފައިސާދެއްކުމަށް ބަރޯސާވުން މިދަނޑިވަޅުގައި މުހިންމެވެ. ފައިސާގެ ނޫޓުގައި ވައިރަސް ހުންނަކަން ހޯދުންތަކުން އަދި އެނގިފައި ނުވި ނަމަވެސް އެއްއަތުން އަނެއް އަތަށް ކުރެވޭ މުއާމަލާތެއްގައި ރިސްކު ނެގުން ބުއްދިވެރިއެއް ނޫނެވެ.

ގަތް ތަކެތި އަޅާފައި ހުރި ކޮތަޅު އެއްލާލުމަށާއި ތަރުކާރިއާއި މޭވާތައް ހަރުގަނޑުގައި ނުވަތަ ބާސްކެޓްގައި ބަހައްޓަންވާނީ ރަނގަޅަށް ދޮވެފައިކަންވެސް ޑޮކްޓަރުވަނީ ފާހަގަކުރައްވާފައެވެ. ޕެކެޓުގައި ހުންނަ ތަކެތި ސައިބޯނި ފެންފޮދަކުން ސާފުކޮށްލެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިކަންކަމުން އިޖުތިމާއީ އެހެން މައްސަލައެއްވެސް ނުކުމެއެވެ. ތަކެތި ގެންނަ ކޮންމެ ކޮތަޅެއް އެއްލާލާއިރު ހާއްސަކޮށް މާލޭގައި ގިނައީ ޕްލާސްޓިކް ކޮތަޅުކަމުން އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުގެ ވާހަކައެވެ. އެކަމަށް ހައްލު ގެނެވޭނީ ފިހާރަތަކަށެވެ. ޕްލާސްޓިކް ކޮތަޅުތަކުގެ ބަދަލުގައި ކަރުދާސް ކޮތަޅަށް ބަދަލު ކުރަން މިހާރުވެސް ލަސްވެއްޖެއެވެ އެއްކަން ރަނގަޅު ކުރަން އެހެން ކަންކަން މަތިން ހަދާން ނައްތާލައިގެންވެސް ނުވާނެއެވެ.

ކައްކާއި ކެއުމަށް މިބަލިން މާބޮޑު އަސަރެއް ނުކުރެއެވެ. އެހެނީ ކޮންމެ އެއްޗެއް ވެސް ކެއްކުމުން ބަލި މަރުވެ އެވެ. ޑރ ނަޒްލާވެސް ވިދާޅުވިގޮތުގައި ރަނގަޅަށް ކައްކާފައި ހުންނަ އެއްޗެހީން ވައިރަސް އެއްކޮށް ފިލާނެއެވެ. ނަމަވެސް ބޭނުން ކުރާ ސާމާނު، އޭގެ ތެރޭގައި ކަޓިން ބޯޑާއި ވަޅި ފަދަ ތަކެތި ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ޖެހޭނެ ކަމަށް އިރުޝާދު ދެއްވިއެވެ.

މިއީ ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ދުވަހުން ދުވަހަށްވެސް ކުރެވޭނެ ކަންކަމެވެ. ފަސޭހަކަމަކަށް ނުވެވެސް ދާނެއެވެ. ކުރިން އުޅުނު ގޮތާއި އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ގެންނަން އުނދަގޫވެސް ވާނެއެވެ. ނަމަވެސް އަޅުގަނޑުމެންނާއި އާއިލާ އަދި ފަހަށް އަންނަން އޮތް ޖީލަށް މިގައުމު ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޒިންމާނެގުން މުހިންމެވެ. ދަސްކުރުން މުހިންމެވެ. އާދަތައް ބަދަލުކޮށް ލައިފްސްޓައިލް ބަދަލު ކުރުން މުހިންމެވެ. އިތުރަށް ސަމާލުވާން ޖެހެއެވެ.

ކޮވިޑްގެ ވަބާ ދުނިޔެއިން ކޮންޓްރޯލުވެ ނުވަތަ ފިލައިގެންދާއިރު ދުނިޔޭގެ ހުރިހާ ގައުމުތަކަކަށްވެސް ބޮޑުތި ބަދަލުތަކެއް އަންނާނެއެވެ. އިޖުތިމާއި ގޮތުންނާއި އިގްތިސާދީ ގޮތުންވެސް މެއެވެ. އެހެންވެ އެބަދަލުތަކާ އެއްގޮތަށް އަޅުގަނޑުމެނަށްވެސް އޮތީ ބަދަލުވުމެވެ. އެހެންނޫނީ ބަދަލުވަމުން އަންނަ ދުނިޔޭގައި ހިފަހައްޓައިލަން ފަސޭހައެއް ނުވާނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރާން ހުރި ކަންކަން ފަސޭހައެއް ނޫނެވެ. އެކަމަކު އުނދަގުލާއެކު ވެސް އެކަންކަން ނުކޮށްފި ނަމަ ދެން ކުރިމަތިވަމުންދާ އުނދަގޫތައް މާބޮޑަށް ވެސް ގިނަކަމާއި ތަކުލީފުތައްވެސް ބޮޑުކަން މިއަދުގެ ހާލަތުން ވަރަށް ރަނގަޅަށް ސާފުވެ އެވެ. އެހެންކަމުން މިހާލަތުގައި އޮތީ ގޭގައި ބަސް އަހައިގެން ތިބުމެވެ. މި ތިބުމުގައިވެސް ހަމަ އެކަނި ނަމެއްގައި ތިބުމަކުން ނުފުދެ އެވެ. އަދާކުރަން ޖެހޭ ޒިންމާތަކެއް އެބަ ހުއްޓެވެ. އެކަމަށްޓަކައި ފަރުދީ ޒިންމާ ނަންގަވާށެވެ!