އުމަރު ނަސީރު

ކްރިމިނަލް ކޯޓުން ފަނޑިޔާރެއްގެ ޖާގަ ހުސްވުމުން އެޖާގައަށް ފަނޑިޔާރަކު ލާން ގޭންގްތަކުން އައި: އުމަރު

2

ކްރިމިނަލް ކޯޓުން ފަނޑިޔާރެއްގެ ޖާގަ ހުސްވުމުން އެޖާގަ އަށް ގޭންގުތަކުން ބޭނުންވާ ވަކި މީހަކު ލާން އެމީހުން އައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި ގޭންގުތަކުގެ ހަރަކާތްތައް އޮތް މިންވަރާ ގުޅޭ ގޮތުންނާއި އެކަން ހުއްޓުވޭނެ ގޮތަކާ ގުޅޭ ގޮތުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އުމަރު ވިދާޅުވީ އެކަން ހިނގީ އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ކަމަށާއި ކްރިމިނަލް ކޯޓަށް ގޭންގުތަކުން ބޭނުންވާ ވަކި މީހަކު ލާން ބޭނުން ވެގެން އެމީހުން އެކަމަށް ލޮބީ ކުރި ކަމަށެވެ.

"ދެން އެކަމުގެ ރިޕޯޓު އަޅުގަނޑަށް ލިބުނީމަ އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން އެކަން ހުއްޓުވީ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ގޭންގުތައް އޮޕަރޭޓް ކުރަނީ އެއް ގޮތަކަށް ކަމަށާއި އެމީހުންގެ ގުޅުންތައް އެކި މުއައްސަސާތަކުގެ ތެރެއިން ގޮސް ސަރުކާރުގެ އެކި ލެވެލް ތަކާއި ޝަރުއީ ނިޒާމުގެ ތެރޭގަ އާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވެސް މޫލާފައި ހުންނަ ކަމަށެވެ.

"ހަގީގަތުގަ ރާއްޖޭގައި ވެސް އެމީހުންނަށް އެހާ ފްރީކޮށް ބޭނުން ގޮތަކަށް މަގުމަތައް މަތީ އެ އުޅެވެނީ ޕްރޮޓެކްޝަން އޮތީމަ. އެމީހުންގެ ކުރީގަ އާއި ފަހަތުގައި ވެސް ބަޔަކު ތިބީމަ." އުމަރު ވިދާޅުވި އެވެ.

ދާދި ފަހުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގޭންގްތަކާ ބައްދަލުކުރައްވާން ތައްޔާރަށް ހުންނެވި ވާހަކަ ވިދާޅުވެފައި ވާތީ އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ގޭންގުތައް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެއީ ކުށެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"އަސްލު މިވާ ގޮތަކީ ގޭންގުތައް އުފައްދައި އޮޕަރޭޓް ކުރުމަކީ ގާނޫނީ ކުށެއް. އެހެންވީމަ ގޭންގު މީހުންނާ ރަސްމީ ސިފައެއްގައި ބައްދަލުވީމަ ފުރަތަމަ ވެސް ޖެހޭނީ އެމީހުން ހައްޔުަރުކުރަން. އެއީ ގޭންގު އުފެއްދުމަކީ ވެސް މަނާކަމަކަށް ވާތީ." އުމަރު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟