ސިޔާސީ

ބަނޑަށް މަރުވަމުންދާ ކޮތަރުތަކަށް ކާންދިނުމަށާއި ލޭ ހަދިޔާ ކުރުމަށް ނުކުތީ ވެސް ފުލުހުން!

2

މުޅި ދުނިޔެއަށް ވެރިވި ކޮވިޑް 19ގެ ތޫފާން ރާއްޖެއާ ހަމައަށް ވެސް މިވަނީ ފޯރާފައެވެ. މިދިޔަ ދުވަސްތަކުގައި އެ ތޫފާނުގެ އަސަރު މާލެއަށް ވަނީ ގަދަވާން ފަށައިފައެވެ. މިއާއެކު މުޅި މާލެ މިވަނީ ފުރަބަންދުގައެވެ. ގެއިން ބޭރަށް ނުކުތުން މިވަނީ މަނާކޮށްފައެވެ. އެތައް ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާއިރު ދިވެހިންގެ ދިރިއުޅުން ހިމޭންވެއްޖެއެވެ. މާލޭގެ މަގުތައް މަރުވެއްޖެ އެވެ.

މީގެ އެތައް އަހަރެއް ކުރިއްސުރެ މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލަކީ ޖުމްހޫރީ މައިދާނެވެ. އެސޮރުމެންނަށް އާދަވެ ކޮންމެ ދުވަހަކު ފަތިސް ނަމާދުން ފައިބައިގެންދާ މީހުންނާއި ހިތް ފަސޭހަކޮށްލަން އެ މައިދާނަށްދާ މީހުންނާއި ކުޑަކުދިން ކާންދެއެވެ. ނަމަވެސް މަންޒަރު ބަދަލުވެއްޖެއެވެ. ފުރަބަންދާއެކު އެ ކޮތަރިތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް ބަނޑަށް މަރުވަނީއެވެ.

އިތުރު ކަމަކެވެ. ކޮވިޑާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގާ ރިސޯޓްތަކުގެ މުވައްޒަފުން ވެސް ތިބީ ބަންދުވެފައެވެ. އެއީ ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަޑުޖައްސާލާފައިވާތީއެވެ. އެއާއެކު ލޭގެ ސްޓޮކް ދަނީ މަދުވަމުންނެވެ. ލޭ ހަދިޔާކުރުމަށް ބައެއް މީހުން ފަސްޖެހެނީއެވެ. އަދި ލޭ ހަދިޔާ ކުރުން އުނދަގޫތަކެއް ވެސް ކުރިމަތިވީއެވެ. ނަތީޖާއެއްގެ ގޮތުން އާންމުންގެ އެހީއަށް އެދި މޯލްޑިވިއަން ބުލަޑް ސާވިސް (އެމްބީއެސް) އިން އަންނަނީ ތަކުރާރުކޮށް ލޭ ހަދިޔާ ކޮށްދިނުމަށް އެދެމުންނެވެ.

އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ މި ދެ މައްސަލައަށް ހައްލުހޯދައިދޭން ވެސް ނުކުތްތަން ފެނުނީ ދިވެހި ފުލުހުންނެވެ.

ކޮތަރުތައް ބަނޑަށް ޖެހޭތީ ކަންބޮޑުވެ މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ކޮތަރުތަކަށް ކާންދިނުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ. އަދި ލޭ ހަދިޔާކުރުމުގެ މަސައްކަތުގައި ވެސް ފުލުހުން ބައިވެރިވަމުން އަންނަ ކަމަށާއި ފުލުހުން ތިބީ އެންމެންގެ ހިދުމަތުގައި ކަމަށް ވިދާޅުވިއެވެ. ފުލުހުން މިއަދު ލޭ ހަދިޔާކުރާ ފޮޓޯތަކެއްވެސް ވަނީ މީސްމީޑިއާއިން ފެނިފައެވެ.

ކޮވިޑާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންވެ މީހުން ގޭގޭގައި ތިބެން ޖެހިފައިވާ މި ހާލަތުގައި ފުލުހުން އަންނަނީ ގޭގެޔަށް ބޭނުންވާ ޒަރޫރީ ކަންކަމުގައި ވެސް އެހީތެރިވެދެމުންނެވެ. އަދި އާންމު ބައެއް ފަރުދުން ޓުވިޓާ އާއި ސޯޝަލް މީޑިއާގައި އެދެމުން އަންނަ ބައެއް ކަންތައްވެސް ފުލުހުން އަންނަނީ ކޮށްދެމުންނެވެ.