އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިންކޮށް ކޮންސަލްޓޭޝަންގެ ހިދުމަތްތައް ކުރިއެކޭ އެއްފަދައިން ލިބޭނެ ކަމަށެވެ. ނަމަވެސް މެދުކަނޑާލީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް ފަހު، ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި އެކަން އަންގާނެ ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލަށް ދިއުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.
މުޖުތަމައު ތެރޭން މިދިޔަ ހަފްތާގައި ކޮވިޑް 19 ފެނުމާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅެވެނީ ވަކި ހުއްދައެއް ހޯދައިގެންނެވެ. މިހާތަނަށް މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 47 މީހަކު ފެނިފައިވެއެވެ. މިއަދު އެކަނި ވެސް މާލެއިން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.