މިމަހުގެ 15 ވަނަ ދުވަހު ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ބަލީގެ ނުރައްކާތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރިއެވެ. ދުވަހަކަށް ވުރެ ދުވަހެއް ބަލި ޖެހޭ މީހުން އިތުރުވާނެ ކަމަށް ލަފާކުރިއެވެ. ކަންވެދިޔައީވެސް އެގޮތުގެ މަތީންނެވެ. މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވިފަހުން ހަފުތާއެއްވެފައިވާއިރު މާލެއިން އެކަނިވެސް ޖުމުލަ 66 މީހަކަށްވަނީ ބަލިޖެހިފައެވެ ބަލި ޖެހޭ މީހުންގެ ނަންބަރުތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ބަލީގެ ބިރުވެރިކަން ބޮޑުވަމުންނެވެ.
މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު 14 ދުވަހަށް މާލެ ލޮކްޑައުންކޮށް، ކަމާބެހޭ އިދާރާތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ފަށައިގަތެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި ބައެއް ފަރާތްތަކާއި، މާލޭގައި ހުރި ފުލޫ ކްލިނިކަށް ދެއްކި ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރިއެވެ. ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަވެސް ކަމާ ގުޅުންހުރި ފަރާތްތަކުން ހުއްދަ ހޯދައިގެން ނުކުތުމަށް އިރުޝާދު ދިނެވެ.
މާލެއިން މިހާތަނަށް ބަލި ޖެހުނު މީހުން ގިނަ ކުރިތަކަކަށް ބެހިފައިވާއިރު އެ ކުރިތަކަށް ބަލި ޖެހުނު މީހާ ނުވަތަ ޕޭޝަންޓް 0 އަދިވެސް ހޯދިފައެއް ނުވެއެވެ. އެއީވެސް ބަލީގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވާނެ ކަމެއް ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބަލި ޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާން ފެށި ހިސާބަކީވެސް އެއީއެވެ.
މާލޭގައި ބަލި ފެތުރެން ފެށިތާ ދެތިން ދުވަހެއްގެ ތެރޭގައި އަތޮޅުތެރެއިންވެސް ވަނީ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިކަމުންވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބަލި ޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ސަބަބުތައް ބައިވަރެވެ. ފުރަތަމަ ކަމަކަށް މާލެ ލޮކްޑައުން ކުރުމުގެ ކުރިން މާލެއަށް އަތޮޅުތެރެއިން އެކި އެކި ބޭނުންތަކުގައި އެތައް ބަޔަކު އައިސްފައިވެއެވެ. ވިޔަފާރީގެ ބޭނުމަށާއި ކާބޯތަކެތި ގަތުމަށާއި ބޭސްވެރިކަމާއި އެނޫންވެސް ބޭނުންތަކަށް އައި މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ތިބީ ރަށުގައެވެ. އެހެންކަމުން އެއިން މީހަކަށްވެސް ފަހަރުގައި ބަލި ޖެހިފައި ހުރުން އެކަށީގެން ވެއެވެ. އެއީ ކޮވިޑަކީ އެއްވެސް އަލާމާތެއް ނުފެނިވެސް ޖެހޭ ބައްޔަކަށްވެފައި، މިހާރު މާލެއިން ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންނަކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބަލި ޖެހިފައިވާ މީހުން ކަމަށް ސިއްހީ މާހިރުން ވިދާޅުވާތީއެވެ.
ދެވަނަ ކަމަކީ އެންމެ ފަހު ފަތުރިވެރިޔާ ފައިބާތާ 14 ދުވަސް ފަހުން ރިސޯޓުތަކުންނާއި ސަފާރީތަކުން މުވައްޒަފުންނަށް ފޭބޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމު ކުރި ގަވައިދުގެ ދަށުން އެ ބުނާ 14 ދުވަހުގެ މުއްދަތު ހަމަ ކުރުމަށް ފަހު އެތައް ރިސޯޓަކުން މުވައްޒަފުން ވަނީ އެމީހުންގެ ރަށްތަކަށް އެނބުރި ގޮސްފައެވެ. އޭގެ ތެރެއިން ގިނަ މުވައްޒަފުން ރަށަށް ގޮސްފައިވަނީ މާލެއަށް އައުމަށް ފަހުގައެވެ. އެހެންކަމުން އެއީވެސް ނުރައްކަލެކެވެ. ފަހަރުގައި އެއިން މީހަކީވެސް ބަލި ހިފައިގެން ރަށަށް ދިޔަ މީހަކަށް ވެދާނެއެވެ.
މާލެއިން ބަލި ފެންނަ މީހުންގެ އަދަދު އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ، މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް މީހުން އަރައިފޭބުން މަނާކޮށްފައެވެ. އަދި ރަށު ތެރޭގައިވެސް މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް އިސްލާމިކް މިނިސްޓްރީންވަނީ މަނާކޮށްފައެވެ. އެއީ ރާއްޖޭގެ ކޮންމެ ރަށަކީވެސް މިހާރު މި ބަލީގެ ނުރައްކާ އޮތް ރަށަކަށް ވާތީއެވެ.
މާލޭގައި ބަލި ޖެހޭ މިންވަރު އިތުރުވެފައިވަނީ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް މާލޭގައި ދިރިއުޅޭ ބައެއް މީހުން ކަމޭނުހިތުމުންނެވެ. ބަލި އައިސް ގައިގައި ހިފަންދެން ބިރެއް ފިކުރެއްނެތި މަގުތަކުގައި ހޭލަމޭލައަށް އުޅުމުންނެވެ. ބަލި އަންނާނެ ކަމުގެ ރަނގަބީލުގެ އަޑަށް ގިނަ ބަޔަކު ބީރު ކަންފަތެއް ދިނީމައެވެ. މި ބަލީގެ ނުރައްކާތެރިކަން ހިތަށް ނުގެނެވުނީމަ އެވެ. ނަމަވެސް މިއަދު މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރެން ފެށުމުން ގިނަ ރައްޔިތުންނަށް ބަލީގެ ނުރައްކާތެރިކަން ވަނީ އިހުސާކުރެވިފަ އެވެ. މިއަދު މާލޭގެ މަގުތައް ވަނީ ކޮވިޑް 19އިން ފަޅުކޮށްލައިފައެވެ.
އެހެންކަމުން މާލޭގެ ހާލަތުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންވެސް އިބުރަތް ހާސިލު ކުރަން އެބަޖެހެއެވެ. ތައްޔާރުވުމަށް ނުވަތަ ބަލިން ރައްކާތެރިވުމަށް ލިބިފައި މިވާ އަގުހުރި ވަގުތުގެ ބޭނުން ހިފަން އެބަ ޖެހެއެވެ. އަތޮޅުތެރޭގައިވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުން މުހިންމެވެ. ހޮޓާ ރެސްޓޯރެންޓްތަކަށް ދިއުމުން ދުރުހެލިވާން އެބަޖެހެއެވެ. ޒަރޫރީ ކަމެއްގައި ނުކުންނައިރުވެސް އިޖުތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އާންމު ސާފުތާހިރުކަމަށް ވެސް އިސްކަން ދޭށެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.