ޕީޕީއެމް

ރައީސް ޔާމީން ބައިވެރިވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ފެށިގެން ކުރިއަށްދަނީ

ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ.

ހ. ސަކީނާ މަންޒިލުގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ބާއްވާ އެ ބައްދަލުވުމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

'ވަން އޮންލައިން'އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު ވިދާޅުވީ އެ ބައްދަލުވުމަކީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ކޮންގްރެސްއާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ޕީޕީއެމުން ކޮންގްރެސްއެއް ބާއްވާ އިރު، އެންމެ ފަހުން އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވާފައިވަނީ 2013 ވަނަ އަހަރެވެ. ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުން ޕާޓީތަކުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކޮންގްރެސްއެއް ބާއްވަން ޖެހެއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް ޔާމީނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ރައީސް ޔާމީނާ ވާދަކޮށް، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.