ޕީޖީ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރާނެ ޚާއްސަ ޔުނިޓެއް ގާއިމްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރާނެ ޚާއްސަ ޔުނިޓެއް ގާއިމްކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން މީހަކު ހައްޔަރުކޮށް ނުވަތަ މީހެއްގެ މިނިވަންކަން ހިފެހެއްޓޭ ހާލަތްތަކާއި ޝަރުތުތައް މުޠާލިއާ ކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި އަދި އެ އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަމުން ގެންދިއުމަކީ ޕީޖީ އޮފީހުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި ދައުވާ އުފުލުމާއި ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް އެނިންމުން ބަދަލުކުރުމާއި، ދައުވާ އަނބުރާ ނެގުމަކީ ވެސް ގާނޫނުން ޕީޖީއަށް ލިބިދޭ ބާރެއް ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ފާއިތުވެ ދިޔަތަނުގައި ޕީޖީ އޮފީހުން މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖައާކޮށް، އެނިންމުން ބަދަލުކޮށްފައިވާ ދައުވާއެއް ބަދަލުކުރަންޖެހޭ ކަމަށް ފެންނަނަމަ، ނުވަތަ ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ބަންދުކޮށް، މިނިވަންކަން ހިފަހައްޓާފައިވާތީ އެކަން މުރާޖައާ ކުރަން ޖެހޭ ނަމަ، އެކަން ކުރުމުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަމަށް ޚާއްސަ ޔުނިޓެއް މިއަދު ގާއިމް ކޮށްފައިވާ ކަމަށެވެ.

އަދި އެ ޔުނިޓަށް ޝަކުވާ ހުށަހަޅަން 45 ދުވަހުގެ މުއްދަތެއް ދޭން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. ޕީޖީ އޮފީހަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާލެއާއި އަތޮޅުތަކުގައި ހުރި ޕީޖީ އޮފީހުގެ ގޮފިތަކުން ފޯމު ލިބޭނެ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ މައްސަލައިގެ ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން 45 ދުވަހުގެ މުއްދަތައް ކަމަށެވެ.