ޕީޕީއެމް

ތަހުގީގީ އިދާރާތަކަށް ގާނޫނުން ލިބިދޭ ބާރުތައް އެހެން ބަޔަކަށް ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ޕީޕީއެމް

ޝަހީދާ އަބްދުﷲ ސައީދު

ތަހުގީގު ކުރުމުގެ ބާރުތައް ގާނޫނު އަސާސީގައި އިދާރާތަކަށް ލިބިދީފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ބާރުތައް ނުދޭ ބަޔަކު ހިމަނައިގެން ތަހުގީގުކުރުމަށް ކޮމިޝަންތައް ހެދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ޖިނާޢީ ތަހުގީގު ކުރުމުގެ ބާރުތައް ގާނޫނު އަސާސީން ލިބިދީފައިވަނީ ފުލުހުންގެ އިދާރާއަށް ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ބަޔަކު ހިމަނައިގެން ފުލުހުންގެ އިދާރާއަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގަނެ، ކޮމިޝަން ހެދުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ވެސް ލިބިވަޑައި ނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އުފެދުމުގައި ވެސް ބާތިލު ބިލެއް ކަމަށާއި، މަޖިލީހުގެ ތަޅުމުގައި އެބިލަށް ބަހުސް ކުރެވޭނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތަހުގީގު ހިންގުމަށްފަހު މީހުންނަށް އަދަބު ދޭ މައްސަލައިގައި ސަރުކާރުގެ އިސްވެރިން ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެ ކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމަށް ވިދާޅުވެ ކުންފުނިތަކުގެ އިސްވެރިން ދައްކަވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވަނީ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެގެން ނޫން ކަމަށާއި، ކުންފުނިތައް ހިންގަން ނޭނގިގެން ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި، ގޮތް ނޭނގޭ މަރުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމާ ގުޅިގެންނެވެ.