ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީގެ މުވައްޒަފުން ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ލިލީ އިންޓަނޭޝަނަލުން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ ލިލީ އެންޓަޕްރައިޒަސް ގެ މުވައްޒަފުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމުންތެރޭ ނުބައި މައުލޫމާތުތަކެއް ފެތުރެމުންދާތީތީއެވެ.
އެގޮތުން ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީ އާއި ލިލީ އެންޓަޕްރައިޒް އަދި ލިލީ ސްޓޯރަކީ ތަފާތު ތަންތަން ކަމަށް ލިލީ އިންޓަނޭޝަނަލުން ބުނެފައިވެއެވެ. އަދި މިއީ ދެ މެނޭޖްމަންޓަކުން ހިންގާ ތަންތަން ކަމަށް ލިލީ އިންޓަނޭޝަނަލުން ބުނެއެވެ.
މީގެ އިތުރުން ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީ އަށް ނިސްބަތްވާ އެއްވެސް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ނުވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއްވެސް ރަސްމީ ފަރާތަކުންވެސް އެކަން ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީ އަށް މިއަދާއި ހަމައަށް އަންގާފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ލިލީ އިންޓަނޭޝަނަލުން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން އަންނަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް ސަޕްލައި ކުރަމުންނެވެ. އަދި މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވާއިރު، އާންމުންނަށް ޑެލިވަރީގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ. މިހާލަތުގައި ގިނަ ތަންތަނުން އަންނަނީ އާންމުނަށް ބޭނުންވާ މުދާ ޑެލިވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.