މާލެ

ޓެކްސީ ޕާކުކޮށްފައި ނުބާއްވައި ޚިދުމަތަށް ނިކުތުމަށް ޓްރާންސްޕޯޓު މިނިސްޓަރު އިލްތިމާސްކުރައްވައިފި

ބޯކޮށް ވާރޭ ވެހެމުން ދާތީ ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޓެކްސީ ޕާކުކޮށްފައި ނުބާއްވައި އާންމުންގެ ޚިދުމަތަށް ނިކުތުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު ނަހުލާ މި ކަމަށް އިލްތިމާސްކުރައްވައިފައި ވަނީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

މިނިސްޓަރު ނަހުލާގެ ޓުވީޓުގައި ވަނީ ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި ދުއްވާ މީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ.

"ޕާކު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ނަސޭހަތްތެރިވަން." މިނިސްޓަރު ނަހުލާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މާލޭއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި މިއަދު ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފަ އެވެ. އެ ގޮތުން ބައެއް ސަރަހައްދުތަކުގައި ދެފޫޓަށް ވުރެ އުސްކޮށް ފެން ހެދިފައިވާ އިރު ގޭގެއަށާއި ފިހާރަތަކަށް ދަނީ ފެން ވަންނަމުންނެވެ. ބައެއް މަގުތަކުގައި ހުރި ބައިސްކަލު އަދި ސައިކަލު ފަދަ އުޅަނދު ފަހަރު ވަނީ ފެނު އަޑިއަށް ގޮސްފަ އެވެ. އޭގެ އިތުރުން މަގުމަތީގައި ބަހައްޓާފައި ހުރި ލަކުޑި ޕެލެޓު ފަދަ ތަކެތި ވެސް ވަނީ އޮޔާގޮސްފަ އެވެ.