މިއަދު 11 ޖަހާކަށް ހާއިރުން ފެށިގެން މެދު ނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ ފެނު އަޑިއަށް ގޮސް ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު ހިނގާ މީހުންނަށާއި ވެހިކަލްތައް ދުއްވުމަށް ވަނީ ހުރަސްއެޅިފައެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަމީނީ މަގުގައި ހަދާފައިވާ ފެން ހިންދާ ވަޅުގަނޑުތައް ފުރިގެން ފެން ހިންދޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.
މާލޭގެ މަގުތަކުން ފެންްހިންދުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަހައްދާއި އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ. އަދި އޭގެ އިތުރުން ހަވީރީހިނގުމާއި މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް މަގުތަކުގައި ތިން ފޫޓާ ގާތަށް ފެންބޮޑުވެފައި ވެއެވެ.
މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ފިހާރަތަކަށާއި ބައެއް ގޭގެއަށް ފެން ވަންނާތީ މިހާރު އަންނަނީ ވެލި ބަސްތާ ޖަހަަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ވައިޓް އެލާޓް ނެރުމަށްފަހު މިހާރު ވަނީ ޔެލޯއެލަރޓަށް ބަދަލުކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް މާލެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަތޮޅުތަކުގެ ބައެއް ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މި ފަހަކަށް އައިސް މާލޭގައި މިހާބޮޑަށް ފެންބޮޑުވެފައެއް ނުވެ އެވެ.