ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު 40 ދުވަހުގެ ތެރޭގައި ބާކީ ހުރި މެޗުތައް ކުޅެ ސީޒަން ނިންމާލުމަށް މަޝްވަރާ ކޮށްފިއެވެ.
ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާއި އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި އިނގިރޭސި އެފްއޭގެ ހިޔާލާއި އެއްގޮތަށް 40 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ސީޒަން ނިންމާލުމަށް ގިނަ ކުލަބު ތަކުން ވަނީ މިދިޔަ ހުކުރު ދުވަހު ތާއީދުކޮށްފައެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު ލީގުގައި ބާކީ 92 މެޗު އަދި އެބައޮތެވެ. އެހެންކަމުން އެމެޗުތައް ނިންމުމަށްޓަކައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އަލުން ސީޒަން ފަށާނެ ވަކިތާރީހެއް ކަނޑައެއް ނާޅައެވެ. އެހެންނަވެސް 30 ޖޫން އަށް ސީޒަން ނިންމާލުމާއި ގުޅޭގޮތުން ކްލަބުތަކުން ވަނީ މަޝްވަރާ ކޮށްފައެވެ.
ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ އިނގިރޭސި ޕްރިމިއާ ލީގު މެދު ކަނޑާލީ މިދިޔަމަހުގެ 13 ވަނަ ދުވަހު އެވެ. އިނގިރޭސި އެފްއޭ އިން މަޝްވާރާ ކުރަމުން އަންނަނީ ސީޒަން ނިންމާލުމުގެ ގޮތުން ސަޕޯޓަރުން ނުވައްދައި ވެމްބްލީ ސްޓޭޑިއަމްގައި ހުރިހާ މެޗެއް ކުޅެ ނިންމާލުމަށެވެ. އިނގިރޭސި އެފްއޭއިން ދެ ޕްރޮޕޯސަލެއް ހުށަހަޅާފައިވާއިރު އެއް ހުށަހެޅުމަކީ 56 ދުވަހުގެ ތެރޭގައި ލީގު ނިންމާލުމެވެ. ނުވަތަ 40 ދުވަހުގެ ތެރޭގައި ލީގުގެ ބާކީ މެޗުތައް ކުޅެ ނިންމާލުމަށެވެ.
މި ދެގޮތަށް ހުށަހެޅުމުން ގިނަ ކްލަބުތަކުން އެދުނީ 40 ދުވަހުގެ ތެރޭގައި މެޗުތައް ނިންމާލުމަށެވެ. ނަމަވެސް އެންމެ އަވަހަށްވެސް ލީގު ފެށޭނީ އިނގިރޭސި ސަރުކާރުން ހުއްދަ ދިނުމުންނެވެ. ކޮވިޑް 19 ފެތުރޭތީ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ވަނީ އަންގާފައެވެ. އަދިވެސް އެނިންމުން އޮތީ އެގޮތަށެވެ.
އިނގިރޭސި އެފްއޭއިން ބުނީ އެންމެ އަވަހަށްވެސް ލީގު ފެށޭނެ ކަމަށް ލަފާކުރެވެނީ ޖޫން މަހު ކަމަށެވެ. އެހެންނަމަވެސް ލީގު އަލުން ފެށޭނީ ސިއްހީ އިދާރާތަކުން ދޭ ލަފައާއި އިރުޝާދަށް ބެލުމަށްފަހު ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށް ޔުއެފާއިން އަންނަ ހަފުތާގައި ބައްދަލުވުމެއް ބާއްވާނެއެވެ. މި މަޝްވަރާތަކުގައި ޗެމްޕިއަންސް ލީގު 29 އޮގަސްޓަށް ނިންމާލުމަށްވެސް މަޝްވަރާ ކުރާނެއެވެ.