އިބްރާހިމް ޒަކީ
މަނިލޯންޑަރިންގެ ކުށްސާބިތު ވުމުގެ ސަބަބުން މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ލަސްކުރުމެއްނެތި މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން މިކަމަށް ގޮވާލާފައި މިވަނީ މާފުށީ ޖަލުގައި ރޭ ހަމަނުޖެހުމެއް ހިނގާފައި ވަނިކޮންނެވެ.
އެކަމާގުޅިގެން އިދިކޮޅު ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަލުގެ ގޮޅިތަކުން ގައިދީންތަކެއް ނުކުމެ ހަމަނުޖެހުން ހިންގައި، ބަޔަކަށް އަނިޔާވި މައްސަލައިގައި ކަންބޮޑުވާ ކަމަށެވެ.
"މި ހައްސާސް ވަގުތުގައި ރާއްޖޭގެ ޖަލު ތަކުގައި ތިބި އެންމެހާ ފަރާތްތަކާއި، ހާއްސަކޮށް އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޖަލުގެ އެންމެހާ އިންތިޒާމުތައް ވަރުގަދަ ކުރުމަކީ ވަރަށް މުހިއްމުކަމެއް،" ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ޖަލުތަކުގެ ރައްކާތެރިކަން ކަށަަވަރު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކަށަވަރު ކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.
ބަޔާނުގައި އިތުރަށް ބުުނެފައިވަނީ ރައީސް ޔާމީން ޖަލުގައި ހައްޔަރު ކޮށްފައިވަނީ ނުހައްގުން ކަމަށާއި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ބަޔަކު ގަސްތުގައި މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށެވެ.
މާފުށީ ޖަލުގައި ރޭ ހިނގި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، ޖަލު ހަލަބޮލި ކޮށްލަން ރޭ ބަޔަކު ކުރި މަސައްކަތުގައި ގައިދީންނާއި އޮފިސަރުންނަށް ބޮޑެތި އަނިޔާތަކެއް ނުވެ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ކާންދިނުމަށްޓަކައި ރޭ އެ ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުތް ކަމަށެވެ.
މިހާދިސާގައި ގައިދީއެއްގެ އިތުރުން ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.