އިބްރާހިމް ޒަކީ
މާފުށީ ޖަލު ހަލަބޮލި ކޮށްލަން ރޭ ބަޔަކު ކުރި މަސައްކަތުގައި ގައިދީންނާއި އޮފިސަރުންނަށް ބޮޑެތި އަނިޔާތަކެއް ނުވެ ކޮންޓްރޯލް ކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ކާންދިނުމަށްޓަކައި ރޭ އެ ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުތް ކަމަށެވެ.
މިހާދިސާގައި ގައިދީއެއްގެ އިތުރުން ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ވަން އޮންލައިންއަށް އެކަމާބެހޭ މައުލޫމާލު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު އާމިނަތު ޔުސްރީން އަހުމަދު މިއަދު ވިދާޅުވީ އެހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ޖަލަށް ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ރޭ އެކަންތައް ކޮންޓުރޯލު ކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، "ކޮވިޑް 19 އާއެކު މުއައްސަސާތަކަށް ބާރު ބޮޑުވެ، ނާޒުކުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއްނުވެ ކޮންޓްރޯލް ވުމަކީ ﷲ ގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން،" ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.