ރިޕޯޓް

މިދިޔަ ދުވަސްތަކުގައި ފަރުވާކުޑަކުރެވުނުވަރު ހަނދާންކުރޭ! ގައުމު އަތުން ދޫނުވަނީސް މާހިރުންގެ ބަސް އަޑުއަހާ!

އިބްރާހިމް ޒަކީ

1

މުޅި ގައުމަށް މިއަދު މިވަނީ ކޮވިޑުގެ ނުރައްކާތެރި ވަބާ ފެތުރިފަ އެވެ. އެންމެން މިތިބީ އެކަމުގެ ކަންބޮޑުވުމުގައެވެ. އެ ބިރުވެރިކަމާއި ހާސްކަމުގައެވެ. ބަލި ހުރީ ކާކުގެ ގައިގައި ކަމެއް ނެތީ ކާކުގެ ގައިގައި ކަމެއް އެނގޭނެ މީހަކު ނެތެވެ.

ކޮވިޑާ ބެހޭގޮތުން ވާހަކަދައްކާއިރު އަޅުގަނޑުމެންނަށް ސިފަވާ އެއްބޭފުޅަކީ ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒެވެ.

ކޮވިޑާ ބެހޭ މައުލޫމާތު ދިނުމަށް ޑޮކަޓަރުންނާއެކު ކޮންމެ ދުވަހަކު ބާއްވަމުން ގެންދާ ނިއުސްކޮންފަރެންސް ތަކުގައި މަބްރޫކު ވިދާޅުވާ ވާހަކައެއް އޮވެއެވެ. އެއީ ފަހަތަށް ޖެހި ބަލައިލާން ޖެހޭ ވާހަކައެވެ. މަބްރޫކު އެހެން ވިދާޅުވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އެއީ މީހަކު ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ކޮންޓެކްޓްވި މީހުން ހަނދާންކޮށްލުމަށް އެހިސާބުުން ފެށިގެން ފަހަތަށް ވިސްނާލަންޖެހޭ ނެތީއެވެ.

މަބްރޫކުގެ ވާހަކައާ އެއްގޮތަށް ހަނދާންތައް އާކޮށްލުމަށްޓަކައި އަޅުގަނޑުމެންވެސް މިހާ ހިސާބުން ދުވަސްތަކެއް ފަހަތަށް ޖެހިލާން އެބަޖެހެއެވެ.

އެއިރު ކޮވިޑް 19 ރާއްޖެއަކަށް ނާދެއެވެ. ނަަމަވެސް ރާއްޖެ މައްޗަށް ނަގަމުން އައި ކޮވިޑްގެ ކޮޅިގަނޑަށް ސަމާލުވުމަށް ދިވެހިން ހޭލުންތެރި ކުރުވުމަށް ދިވެހި ޑޮކްޓަރުންނާއެކު މަބްރޫކު ގެންދެވީ ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ.

ކޮވިޑް 19 އަކީ ކޮބައި ކަމާއި، އެކަމުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ ކަންތައްތައް އޭރު ކިޔައިދިނެވެ. ގޭގައި މަޑު ކުރުމަށް ނަސޭހަތްދިނެވެ. މުޖުތަމައުގައި، ގައި ދުރުކުރުން ބޭއްވުމަށާއި، ގިނަމީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމާއި މަސްދަތުރުފަދަ ގިނަ ބަޔަކު ބައިވެރިވާ ދަތުރުތަކާއި ޕާޓީތައް ކުރިއަށް ނުގެންދިއުމަށް ދެންނެވިއެވެ. އެކަކު އަނެކަކަށް ޒިޔާރަތް ކުރުން މަޑުޖައްސާލުމަށާއި ގިނަގިނައިން އަތްދޮވުމަށް ކެނޑިނޭޅި ގެންދެވީ އިރުޝާދު ދެއްވަމުންނެވެ.

އެބޭފުޅުން އޭރުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މީ އުނދަގޫ ދުވަސްވަރެއް ކަމަށާއި، ފަސޭހަ ދުވަސްތައް އޮތީ އެ އުނދަގޫ އުފުލައިގެން ކަމަށެވެ. އެ ނަސޭހަތްތަކާއި އިރުޝާދުތައް އަޅުގަނޑުމެން ނޫސްވެރިން ގެންދިއައީ ވަގުތުން ވަގުތަށް މެދުކެނޑުމެންނެތި ގެނަސްދެމުންނެވެ. ނަމަވެސް އެދުވަހު އެ އަޑުތައް އެހި މީހަކު ނެތެވެ. އެކަމަކާ އަޅައިލި މީހަކު ނެތެވެ. އަދި ކީއްހެއްޔެވެ؟ބައެއްމީހުން ޖެހީ ވެސް ޖޯކެވެ.

ކޮންމެ ދުވަހެއްގެ ހަވީރުން ބައެއްގައި މަގުތަކަށް ނުނިކުންނަށް އަންގައި ކާފިއު ހިންގުމުންވެސް، ކުރީ މަލާމާތެވެ. ބައެއްމީހުން ބުނަމުން ދިޔައީ ކޮވިޑް އުޅޭ ހަމަ އެކަނި ގަޑިއަކީ އެއީ ކަމަށެވެ. އޭރު މިދެންނެވި ގޮތަށް ޖޯކު ޖެހި މީހުންގެ ތެރޭގައި މުޖުތަމައުން ނަމޫނާގެ ގޮތުގައި ބަލަން ޖެހޭ ބައެއް މީހުންވެސް ފާހަގަ ކުރެވެއެވެ.

މިގޮތުން ކޮވިޑް 19 އާ ގުޅިގެން މެދުކަނޑައިލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ފެށުމަށްފަހު، ކުރިންވެސް ބާއްވާ ގޮތަށް މަޖިލީހުގެ ގޭގައި، ގައިދުރުކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމާބެހޭގޮތުން މަޝްވަރާކުރި ޖަލްސާއިންވެސް އެކަން ފާހަގަވިއެވެ.

އެޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ކޮވިޑް 19ގެ ކަންތައް ނެންގެވީ ވަރަށް ލުއިކޮށެވެ.

ބައެއް މެންބަރުންގެ ވާހަކަތަކަށް ވިސްނާލާއިރު، ކޮވިޑްގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމަށް، ރެއެއް ދުވާލެއް ނުބަލައި އެތައް ބަޔަކު ކުރަމުންދިޔަ މަސައްކަތްތަކާއި ދެމުންދިޔަ އިރުޝާދުތަކަކީ އެއްވެެސް ބޭނުމެއް ނެތް އެއްޗެއް ކަހަލައެވެ.

ސިއްހީ ހިދުމަތްތެެރިންގެ އިރުޝާދާއެކު އޭރު ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި، އެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އިނގިރޭސި ވިލާތުގައި ކަންތައް ކުރާގޮތަށް ރާއްޖޭގައި ކަންތައް ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައި ނުދެންވީ ކޮން ސަބަބެއް އޮވެގެންތޯވެސް ސުވާލު އުފެއްދެވިއެވެ.

"އަޅުގަޑުނަމަ މިއަށްވުރެ ބޮޑަށް ހުޅުވާލާނަން، އަޅުގަނޑުނަމަ މިތަނުގެ ޖަލަސާތައް ބައްވާނަން، އިތުރު ގައިޑްލައިންތައް ހަދައިފަ،" މެންބަރު ސަލީމް ވިދާޅުވިއެވެ.

އަޅުގަނޑު މިދެންނެވި ހަގީގަތްތައް، އަޅުގަނޑު މިދެންނެވި ގޮތަށް، ދުވަސް ތަކެއް ފަހަތަށް ޖެހިލުމުން ތީގެ ތެރެއިިން ކޮންމެ ބޭފުޅަކުވެސް ހަނދާންވާނެ އެވެ. ނަމަވެސް އެއީ އެދުވަހެވެ. މިއީ މިއަދެވެ. މިއަދު މިއޮތީ އޭރު ރާއްޖެ މަތީ ހުރި ކޮޅިގަނޑުގައި އަޅުގަނޑުމެން ޖެހިފަ އެވެ. އޭގެ ބާރުވައި އަދި ހުރީ އެބާރުމިނުގަ އެވެ. މަޑުކަމެއް ނާދެ އެވެ.

ސިއްހީ ހިދުމަތްތެރިން ޖެއްސެވި ހިސާބުތަކަށްވުރެ އަވަހަށް، އަދި އެއަށްވުރެ ބާރު ސްޕީޑްގައި ކޮވިޑް ފެތުރެން ފެށީ، މެދުކެނޑުމެއްނެތި އެފަރާތްތަކުން ދެއްވި އިރުޝާދާއި ނަސޭހަތުގެ އަޑު ނޭހުމުންކަން ސާބިތު ކޮށްދޭ ކިތަންމެ ހެއްކެއް އެބަހުއްޓެވެ. ހަމައެކަނި މާލޭން ކޮވިޑް 19 އަށް ފުރަތަމަ ޕޮޒިޓިވް ވި މީހާގެ ހަރަކާތްތަކަށް އެކަނި ބެއްޔަސް އެ ހަގީގަތް އެނގެއެވެ.

މާލޭން ކޮވިޑް ޖެހުނު ފުރަތަމަ މީހާ (ކޭސް 21) އާ ބެހޭގޮތުން މަބްރޫކު ވިދާޅުވީ އޭނާ ވަނީ ޕާޓީ ބޭއްވުމާއި، މަސްދަތުރު ދިއުމާއި، ދަންނަ ގޭގެއަށް ޒިޔާރަތް ކުރުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ކޮށްފައި ކަމަށެވެ. މީގެ އިތުރުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިދިޔަ ތިން ހަތަރު ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް މަސް ދަތުރު ދިއުމާއި، ގޭގޭގައި އެއްވުން ބޭއްވުމާއި، ފިހާރަތަކަށް ދިޔަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުުރުން ގެއިން ބޭރަށް ނުކުންނަން އޮތް އުސޫލުތަކާ ހިލާފުވެފައިވާ މީހުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެބަހުރި އިނގޭތޯ އެސެންޝަލް ކަންތައްތައް ނޫން އެހެން ކަންތައްތަކަށް ބޭރަށް ނުކުތުމަށް އަަޅުގަނަޑުމެން ދީފައި އޮތް ލަފަޔާ ހިލާފަށް ބައެއް ބޭފުޅުން ނޮން އެސެންޝަލް ކަންތައްތަަކަށްވެސް މަގުތަކަށް ނުކުތުމާއި ފިހާރަތަކަށް ދިއުމާއި، މިފަދަ ކަންތައްތައްވެސް ކުރިއަށް ގެންގޮސްފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބުދަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް 69 މީހުންނަށް ރާއްޖޭން ކޮވިޑް ޖެހިފައިވާއިރު، މަބްރޫކުގެ އަޑާ އެކު ސިއްހީ ހިދުމަތްތެރިންގެ އާދޭހުގެ އަޑު ވެސް ވަނީ ގަދަވެފައެވެ. ކުރިއަށްވުރެސް އަސަރާއެކުއެވެ.

މަބްރޫކު ވިދާޅުވީ، އާދޭސްކޮށްކޮށް ވެސް ފާއިތުވިތަނުގައި ރައްޔިތުން ބަސް ނޭހި ކަމަށެވެ. އުޅުނީ މަޖާ ކުރުމުގައި ކަމަށާއި ދެންވެސް ސަލާމަތެއް އޮތީ ބަސް އަހައިގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މަގުމަތީން ވެސް ފެންނަމުން ދިޔައީ މުޅީން އެހެން ކަހަލަ މަންޒަރުތަކެއް. ބުރު ޖަހަން ދިއުމާ ބޭރުގަ އުޅުމާ ދަތުރުދިއުން ފަދަ ކަންކަމަށް ހުއްޓުމެއް ނައި. މިއަދު މިހާލަތު މި އޮތީ ފާއިތުވި ދުވަސްތަކުގައި ދިން އިރުޝާދު އަޑު ނޭހީމަ." މަބްރޫކް ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމުން މުޅި މާލެ ސަރަަހައްދު މިހާރު ވަނީ ލޮކްޑައުންކޮށްފައެވެ. އެހެންކަމުން މީހުން ބޭރަށް ނިކުތަ ނުދިނުމަށް ތަންފީޒީ އިދާރާތަކުން މިފަހަރު ވަނީ ހަރުކަށި ފިޔަވަޅުއަޅަން ފަށައިފައެވެ.

މިހާލަތުގައި ސިއްހީ ހިދުމަތްތެރިން ރައްޔިތުންގެ ކިބައިން އާދޭސް ކުރަނީ ތަފާތު ކަމަކަށެވެ. އެއީ ތަކުރާރުކޮށް އަޅަން ބުނަމުން އަންނަ ފިޔަވަޅުތަކާއެކު ތެދު ވެސް ބުނުމަށެވެ. އެއީވެސް އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަަކައެވެ.

މާލެއަށް ކޮވިޑް ފެތުރެން ފެށުމާގުޅިގެން ބޭއްވި ނިއުސްކޮންފަރެންސް ގައި، ޑރ. ނަޒްލާ ރަފީގު ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާއިރު، ހުރިހާ ބޭފުޅުންވެސް ތެދު މައުލޫމާތުދެއްވުމަށް އެދިވަޑައިގެންފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ރަނގަޅު މައުލޫމާތު ނުލިބި ހޭދަވާ ކޮންމެ މިނެޓަކީވެސް އިތުރު އެހެން ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ވަގުތެއް ކަމަށެވެ. ސައްހަ މައުލޫމާތު ނުލިބޭ ނަމަ ޑޮކްޓަރުންގެ މަސައްކަތުގައި ދަތިތަކާ ކުރިމަތިވެ އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި އެހެންކަމުން ބަލި ފެތުރުނަ ނުދިނުމަށް ވެސް އެންމެ އެހީތެރިކަމެއް ވެދެވޭނެ ބަޔައީ އާއްމު ރައްޔިތުން ކަމަށެވެ. ނޫންނަމަ މަންޒަރު މިހާރަށްވުރެ ވެސް ނުރައްކާ ވެދާނެ ކަމަށެވެ.

މާބޮޑަށް ބަލި ފެތުރި ކޮންޓެކްޓް ޓްރޭސިން ހަދައިގެން ވެސް އެކަންކަން ނުބެލޭ ހިސާބަށް ހާލަތު ގޮސްފި ނަމަ ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ސިއްހީ މާހިރުން ވަނީ ދެއްވައިފަ އެވެ. އެހެން ވެއްޖެ ނަމަ ދެެން ކުރިމަތިވެދާނެ ނުރައްކާ ހިތަށް ވެސް ނުގެނެ ވެއެވެ.

އެހެންކަމުން އަޅުގަނޑުމެން ވިސްނައި ގަބޫލުކުރަންވީ ކަންކަން ގިނަ އެވެ. އެންމެ މުހިންމު އެއް ހަގީގަތަކީ، ލަސްވިޔަސް އަދި ވެސް ވަގުތު ފާއިތު ނުވާ ކަމެވެ.

އަހަރެމެންނަށް ޓަކައި ރެޔާއި ދުވާލު ނުނިދައި މަސައްކަތްކުރަމުން އަންނަ ސިއްހީ އެހީތެރީންނާއި މާހިރުން އަދި ދިފާއީ ބާރުތަކުންނާއި އެނޫން ވެސް ފަރާތްތަކުން ކުރަމުން އެއަންނަ މިންނެތް މަސައްކަތުގެ ނަތީޖާއެއް އޮތީ އަޅުގަނޑުމެން އާންމު ރައްޔިތުންގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މައްޗަށެވެ. ބަސް އަހާ މިންވަރެއްގެ މައްޗަށެވެ. ގޭގައި ތިބޭ ތިބޭ ވަގުތުތަކެއްގެ މައްޗަށެވެ.

ކޮންމެ މީހަކުވެސް ހަނދާނަށް ގެންނަންވީ ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭ އެމީހަކަށް އުޅެވުނު ގޮތެވެ. ކަމާ ބެހޭ ފަރާތްތަކުގެ ބަސް ނޭހުނު މިންވަރެވެ. ދެން ގަބޫލުކުރަންވީ ވެދިޔަ ވަގުތު ދެން ނުގެނެވޭނެ ކަމެވެ. އެކަމަކު އަދިވެސް ވަގުތު ފާއިތު ނުވާ ކަމެވެ. މިހާ ހިސާބުން ކުރިޔަށް ވިސްނުމެވެ. ގައުމާއި އަހަރެމެންގެ ލޯބިވާ އާއިލާއާއި އެކުވެރީންގެ ރައްކާތެރިކަން އޮތީ އަހަރެމެން ކޮންމެ މީހަކު ވަކިވަކީން ފަރުދީ ޒިންމާ އަދާކޮށް ބަސް އަހައިގެންނެވެ.