އިޚުލާސްތެރިކަމާ އެކު ރާއްޖެ އަށް އެހީތެރިވެދިނުމުގެ ވިސްނުމެއް އިންޑިއާގެ ނެތް ކަމަށާއި ބޭނުންވަނީ ރާއްޖެއަށް އަތްގަދަކުރަން ކަމަށް ޗައިނާއިން ތުހުމަތު ކޮށްފި އެވެ.
އިންޑިއާއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދި ފަހުން ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންޑިއާގެ ނޫސްތަކުން ވަނީ ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އެހީތެރިވެދިނުމުގެ ގޮތުން ޝަރުތު ތަކަކާ އެކު އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އެ ޝަރުތުތަކާ ގުޅޭ ގޮތުން މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވަނީ އެކި ގޮތަށެވެ. އެ ގޮތުން ރާއްޖެ އާއި ޗައިނާއާ އެކު އޮންނަ ގުޅުން ކުޑަ ކުރުމާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ބޭތިއްބުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.
ދަތުރުފުޅުގެ ތެރޭގައި "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ސިފައިން ރާއްޖޭގައި ބޭތިއްބުން ނުވަތަ ޗައިނާއާ އޮންނަ ގުޅުން ކުޑަކުރުމާ މެދު އިންޑިއާއިން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސް، "ގްލޯބަލް ޓައިމްސް" އިން ބުނެފައި ވަނީ އިންޑިއާއިން ރާއްޖެއަށް ދޭން އުޅޭ އެހީގެ ފަހަތުގައި ހުރީ އެހެން ސަބަބުތަކެއް ކަމަށެވެ.
އެގޮތުން އިންޑިއާއިން ބޭނުންވަނީ ޗައިނާއިން ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް ހެޔޮ ނިޔަތުގައި ވެދޭ އެހީއާ މެދު ނުބައި ތަސައްވަރެއް އުފައްދަން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން އިންޑިއާ އިން ބޭނުންވަނީ ރާއްޖެއިން ޗައިނާއާ އެކު އޮންނަ ގުޅުން ކުޑަކުރަން ކަމަށާއި ފައިސާގެ އެހީދޭން ކުރިމަތިކުރާ އެއް ޝަރުތަކީ ވެސް އެއީ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.
"ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ދިގު މުއްދަތަކުން އަނބުރައި ދައްކާ ގޮތަށް އިންޑިއާއިން ރާއްޖެއަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޭ ލޯނުގެ އެއް ޝަރުތުގެ ގޮތުގައި ރާއްޖޭގައި ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ބޭތިއްބުންވެސް ހިމެނޭ." ގްލޯބަލް ޓައިމްސްގެ ލިޔުމުގައި ބުނެފައިވެ އެވެ.
ޗައިނާއިން ރާއްޖެއަށް ވެދީފައިވާ އެހީތަކަކީ ހެޔޮ ނިޔަތުގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރު ސްޕީޑުގައި ކުރިޔަށް ގެންދަން ވެދިން އެހީކަމަށް ވެސް އެ ލިޔުމުގައި ވަނީ ބުނެފަ އެވެ.