ރިޔާސީ އިންތިހާބު 2018ގައި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި އެ ނިންމުން ފުލުހުން ދަމަހައްޓާނެ ކަމަށް އެކްޓިން ކޮމިޝަނަރ އޮޕް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
ނަވާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހިން ނިންމި ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމެވިގޮތް ފުލުހުން ދަމަހައްޓާނެ ކަމަށެވެ.
"23 ސެޕްޓެމްބަރު 2018ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމެވިގޮތް ދިވެހި ފުލުހުން ދަމަހައްޓައި، އެ ނިންމުމަށް އިހުތިރާމް ކުރާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" ނަވާޒް ވިދާޅުވިއެވެ.
އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދިވެހި ސިފައިން ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ދީފައެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި އެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމަށެވެ.
އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.