މާލެ ސަރަހައްދުގެ ފިހާރަތަކަށް އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވާ ކޮށްދޭން ފަށާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓުވީޓެއްގައި ކާޑުގެ ބާވަތްތައް ހުސްވެފައިވާ ފިހާރަތަކުން އެސްޓީއޯގެ ހޮޓްލައިން ނަންބަރަށް ގުޅައިގެން އޯޑަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އޮންލައިންކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެސްޓީއޯއިން ކާޑުގެ ބާވަތްތައް ފޮނުވާ މިންވަރު ބެލޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ މި ހާލަތުގައިވެސް އެސްޓީއޯ އިން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިކަންވާން އޮތީ އެންމެން ގުޅިގެން މި މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މާލެ ލޮކްޑައުންއަށް ގެނެވުމުގެ ކުރިން ފެށިގެން އެސްޓީއޯއިން ވަނީ އޮންލައިންކޮށް ގެއަށް ބޭނުންވާ ސާމާނު ގަނެވޭ ހިދުމަތެއް ތައާރަފް ކޮށްދީފައެވެ. އަދި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސް ގެއަށް ފޮނުވައިދިނުމުގެ ހިދުމަތް އެސްޓީއޯ ފާމަސީން ވަނީ ފަށައިފައެވެ.