ރިޕޯޓް

ޑޮކްޓަރުންގެ ދުވަހު ޑޮކްޓަރުން، ލޯބިވާ އަނބިދަރީން ދޫކޮށް އަރާމެއް ނެތި ރައްޔިތުންގެ ސިއްހީ ހިދުމަތުގައި

އިބްރާހިމް ޒަކީ

1

ދުނިޔޭގެ ހަޔާތުގައިވެސް މިހާތަނަށް ދިމާ ނުވާވަރުގެ ހިތާމަވެރި ބިރުވެރި އަދި ނުރައްކާތެރި، ހާދިސާއަކާ މިވަނި ކުރިމަތިވެފައެވެ. ނުރައްކާތެރި ކޮވިޑް 19 ދުނިޔޭގެ އެކި ހިސާބުގައި ބާރު މިނުގައި މިވަނީ ފެތުރެން ފަށައިފައެވެ.

މި ނުރައްކާތެރި ބަލިން އަހަރެމެންނަށް ސަލާމަތްތެރިކަން ހޯދައިދިނުމަށް އެންމެ ބުރަކޮށް، ކުރީސަފުގައި މަސައްކަތްކުރާ ބަޔަކީ ސިއްހީ އެހީތެރިންނެވެ.

ކޮވިޑް 19 ގެ ކުލަވަރު ފެންނަން ފެށުމާއެކު ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންވެސް ވަނީ އެނުރައްކަލުން ގައުމުގެ ރައްޔިތުން ސަލާމަތްކުރުމަށް އަތުކުރި އޮޅާލައި މަސައްކަތްތައް ފަށައިފައެވެ. މިކަމުގައި ސިއްހީ ހިދުމަތްތެރިންގެ ހުރިހާ ގިންތިއެއް ހިމެނެއެވެ.

އެގޮތުން މިބަލިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަންޖެހޭ ކަންތައްތަކާއި، ހަދަންވީ ގޮތްތަކުގެ އިރުޝާދު، ފެށުނީއްސުރެން ޑޮކްޓަރުން އަންނަނީ ދެމުންނެވެ. މީގެ އިތުރުން މި ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް ރާވަން ޖެހޭ ރޭވުންތަކާއި، އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ދިރާސާތައް ކެނޑިނޭޅި ޑޮކްޓަރުން އައީ ކުރަމުންނެވެ.

މިކަމުގައި ޑޮކަޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ކޮވިޑް 19 ގެ ކަންތައްތަކުގައި އެންމެ އިސް ބަހާއި ފަހުބަސް ވެސް ބުނާ ބަޔަކީ ސިއްހީ ހިދުމަތްތެރިން ކަމަށެވެ.

ރައީސް އެ ވިދާޅުވި ފަދައިން ކޮވިޑް 19 ރާއްޖެއަށް އައުމުގެ ކުރިން ފެށިގެން ކޮންމެ ދުވަހަކު ޑޮކްޓަރުން އަންނަނީ އެމީހުންގެ އިރުޝާދާއި ލަފާ އަދި ނަސޭހަތް ރައްޔިތުންނަށް ދެމުންނެވެ. ނަމަވެސް އެ ކަންތައްތަކަށް ދޭންވީ ސަމާލުކަން ނުދީ ފަރުވާކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ކޮވިޑް 19 ގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައެވެ. މި ދަނޑިވަޅުގައިވެސް، އެނުރައްކަލާ ކުރިމަތިލައި ހިތްވަރާއެކު އެންމެ ހުމިއްމު މަސައްކަތްތަކެއް ކުރާ އެެއްބަޔަކީ ޑޮކްޓަރުންނެެވެ. މި ބަލީގެ ނުރައްކާތެރިކަން އެންމެނަށް ބުނެދެމުން އެ ބައްޔާ އެންމެ ގާތުން ކުރިމަތިލަނީވެސް ޑޮކްޓަރުންނެވެ.

މިބަލިިން ރައްކާތެރިވުމަށް ގޭގައި ތިއްބެވުމަށް އިރުޝާދު ދެއްވައި، ގައި ދުރުކުރުމަށް ނަސޭހަތް ދެއްވުމަށްފަހު، މިބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، އެމީހުންގެ ހާލު ބެލުމަށްޓަކައި އެމީހުންގެ ގާތަށް ޒިޔާރަތް ކުރަނީވެސް ހަމަ ޑޮކްޓަރުންނެވެ. އެއީ ހަމަ އަހަރެމެން ފަދައިން މައިން ބަފައިންނާއި، އަނބިދަރީން، އަދި އާއިލާއެއްވެސް އޮއް ބައެއްކަން އަހަރެމެން ކޮންމެ މީހަކުމެ ހަނދާންކުރަން ޖެހެ އެވެ.

ނަމަވެސް ދިމާވެދާނެ ނުރައްކަލަކަށްވުރެ ބޮޑަށް ޑޮކްޓަރުންގެ މަަސައްކަތް ބައްޓަން ކޮށްފައި މިވަނީ، ޒިންމާ އަދާކުރުމާއި، މި ނުރައްކާތެރި ބަލިން ރައްޔިތުން ސަލާމްތްކުރުމަށް ރެއާއި ދުވާލު ގުރުބާން ވުމުގެ މައްޗަށެވެ. ސިއްހީ ހިދުމަތުގައި އަވަދިނެތި ޑޮކްޓަރުން މަސައްކަތްކުރަމުން އަންނައިރު، މިއަދަކީ އަޅުގަނޑުމެންގެ އެ ހިދުމްތެރިންގެ ދުވަހެވެ.

މިއަދަކީ ޑޮކްޓަރުންގެ ދުވަހެވެ.

މިއަދުވެސް ދިވެހި ޑޮކްޓަރުން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުން އެ އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައެވެ. ބުނަމުން އަންނަނީ ވެސް ހިތްވަރުގެ ބަސްތަކެވެ. ނަސޭހަތުގެ ބަސްތަކެކެވެ. ހުރިހާ ވޭނަކާއި ތަދެއް އަދި އުދާހެއް އެ އުފުލަނީ އަމިއްލައަށެވެ.

މިއަދަކީ ޑޮކްޓަރުންގެ ދުވަސްކަން ފާހަގަކުރައްވައި، ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، "އާންމުކޮށް މިދުވަސް ފާހަގަކުރަނީ ވަރަށް މަޖާކޮށް ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، އަޅުގަނޑުމެން ހުރިހާ ސިއްހީ އެހީތެރިން މިތިބީ އެކުގައި އަތުކުރި އޮޅާލައިގެން،" ކަމަށެވެ. އަދި މިއީ ފަސްޖެހެންވީ ވަގުތު ނޫން ކަމަށާއި، ކެރިގެން ކުރިމަތި ލާންވީ ވަގުތު ކަމަށެވެ.

މިއީ ހާސިލްނުވި ކަންކަމާ ހިތާމަ ކުރަންވީ ވަގުތު ނޫން ކަމަށާއި، ގެއިން ބޭރަށް ނުނިކުމެ މަޑުކުރެއްވުމަކީ، ރައްޔިތުންނަށް ކުރާ އިލްތިމާސެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ގޭގައި މަޑުކުރާއިރު ކުޑަކުދިންނަށް ގޭތެރެއަކީ ސަލާމަތާއި ރައްކާތެރި ތަނެއްކަމުގައި ޔަގީން ކުރެއްވުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.

"އެންމެންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭތި! ގެވެށި އަނިޔާ ރިޕޯޓް ކުރާތި! ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ބަލިމީހުންގެ ބޭސް ހުރިތޯ ދުރާލައި ބަލައި އެ ހަމަކުރާތި! ކުޑަދަރިފުޅަށް ކިޔައިދޭން ޖެހޭ "ގައިދުރުކަން"، ކިޔައިދީ އެކުދިން ޝިކާރައަކަށްވުމުން ދުރުކުރާތި! އިސްލާމްދީނުގެ ރިވެތި އާދަތައް ކިޔައިދީ ދަސްކޮށްދޭތި! ދޭތެރެ ދުރުކުރުމުގެ ވަސީލަތްތަކުގެ ބޭނުން ހިފާތި. ކެއުމުގައި ނަގާ ޕޯޝަން މަދުކުރެވޭތޯބަލާތި! އިސްރާފު ނުކުރާތި!" ސަމާލުކަންދޭންވީ ކަންތައްތައް ފާހަގަ ކުރައްވައި ޑރ. ދެއްވި ނަސޭހަތުގައި ވިދާޅުވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ، ހަނދާން ބަހައްޓަން ޖެހޭ ކަަމަކީ، ކޮވިޑް 19 ގެ ބަލި ޖެހޭ 80 ޕަސެންޓް މީހުންގެ ކިބައިން ފެންނާނީ ވަރަށް އާދައިގެ ރޯގައެއްގެ އަލާމާތް ކަމަށެވެ. ވަކި ފަރުވާއެއްނުދިނަސް ރަނގަޅުވާނެ ކަމަށާއި، 20 ޕަސެންޓް މީހުން ސީރިއަސް ވާނެ ކަމަށާއި، އޭގެތެރެއިން ނުވަ ޕަސެންޓް މީހުންގެ ހާލު ސީރިއަސްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"އަބަދު ހިތްނުތަނަވަސްވެފަ ހުންނަ ނަމަ މިބަލީގެ ހަބަރުތައް ގިނަ ގިނައިން އަހައި ނުހަދާތި. މާތް ﷲ އަށް ގިނަގިނައިން ދުއާ ދެންނެވުމާއި އަޅުކަން ކުރުން ގިނަކުރާތި!" އިތުރަށް ނަސޭހަތްދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑޮކްޓަރުން އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، އަޅުގަނޑުމެން އަމިއްލަ ފަރުދުންގެ ޒިންމާއެއް އޮތްކަން ވިސްނަން ޖެހެއެވެ. އެއީ ޑޮކްޓަރުންގެ އިރުޝާދުތައް އަޑުއެހުމެވެ. ނަސޭހަތް ގަބޫލު ކުރުމެވެ. ޑޮކްޓަރުން އަންގާ އެންގުންތަކަށް ކިޔަމަންވުމެވެ. އެއީ އަޅުގަނޑުމެންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކި ގަބޫލުކޮށް އެގޮތަށް އަމަލު ކުރުމެވެ.

މިއަދު ޑޮކްޓަރުންގެ ދުވަސް ފާހަގަކުރާއިރުވެސް އެމީހުން އެތިބީ ރައްޔިތުންގެ ހިދުމަތުގައި ގުރުބާންވުމުގައެވެ. އެއީ މިއަދުު ދިވެހިންގެ ބަތަލުންނެވެ.