މިންހާ ފާއިޒް ރަޝާދު
ސިންގަޕޫރުގައި ކޮވިޑް19 ކޮންޓްރޯލު ކުރެވިފައި އޮންނަތާ އެތައް ދުވަހެއް ފަހުން ދެވަނަ ރާޅެއް އުފެދި، 5000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި 5،050 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 11 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް 623 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް ބަލީގެ ދެވަނަ ރާޅު ސިންގަޕޫރަށް އެރީ އެހެން ގައުމުތަކުން އެގައުމަށް ދިޔަ މީހުންގެ ފަރާތުން ކަމަށާއި ނަމަވެސް މިހާރު ބަލި ވަނީ މީހުންގެ ތެރެޔަށް ފެތުރިގެން ގޮސްފައިކަމަށް އެގައުމުން ވަނީ ބުނެފައެވެ.
"މިހާރު މިއުޅެނީ ބަލި އަލުން ފެށުނު ކޮޅުވެސް ނުހޯދިގެން. އެއް ކޭސް އަނެއް ކޭސްއާ ގުޅޭގޮތެއްވެސް ނުހޯދޭ. ވަރަށް އުނދަގޫ ހާލަތެއްގައި މިހާރު މިތިބީ. ކްލަސްޓާ ކޭސްތައްވެސް ވަރަށް ގިނަ. ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.
ބަލި ކޮންޓްރޯލު ކޮށްފައިހުރި އެހެން ގައުމުތަކުގައިވެސް އިތުރު ރާޅުތަކެއް އުފެދުމުގެ ބިރު އޮތީ ބޮޑުވެފައެވެ. ދެކުނު ކޮރެއާގައި ބަލިން ފަސޭހަވި ގިނަ ބަޔަކު އަލުން ބައްޔަށް ޕޮޒިޓިވްވާން ފަށާފައިވާއިރު ޗައިނާގައިވެސް ޕޮޒިޓިވް ކޭސްތައް ގިނަވާން ފެށުމާއި ގުޅިގެން އެގައުމުގެ ރައީސް ވެސް ވަނީ އިތުރު ރާޅެއްގެ އިންޒާރު ދެއްވާފައެވެ.