މިދިޔަ އަހަރު ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް 19 ވައިރަސް މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. މުޅި ދުނިޔެ މި ވައިރަހާއި ހަނގުރާމަ ކުރަމުން އަންނަ އިރު، ދިވެހި ރާއްޖޭގައިވެސް މިހާރު މިބަލީގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 129 އަށް އަރާފައިވާއިރު މުޅި ރާއްޖެ މިވަނީ ލޮކްޑައުންގެ ހާލަތުގައެވެ. މިހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލާފައިވާއިރު، އެތައް ބަޔަކު މިވަނީ ހާލުގައި ޖެހިފައެވެ.
ވެރިރަށް މާލެއަށް އެކަނި ބަލާލާއިރު، 14 ދުވަހުގެ ކަރަންޓީނު ހަމަކޮށް، އަނބުރާ ރަށަށް ދިއުމުގެ އުއްމީދުގައި މާލެ އައި ރިސޯޓުތަކުގެ މުވައްޒަފުން ތިބީ ރަށަށް ނުފުރި މާލޭގައި ތާށިވެފައެވެ. ހަމަ އެހެންމެ ޑޮކްޓަރަށް ދެއްކުމަށް މާލެ އައި އެތައް މީހުނެއް މިވަނީ މާލޭގައި ތާށިވެ، ރަށަށް ދެވޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައެވެ. ފަޅުގައި ހުރު ދޯނިތައް ވަނީ އެކި ރަށްރަށުން އެކި ކަންކަމަށް މާލެއަށް އައި މީހުންގެ ގެދޮރު ކަމުގައި ވެފައެވެ.
މީގެ އިތުރުންވެސް މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ މީހުންނަށްވެސް މިވަނީ ކޮވިޑް 19ގެ ސަބަބުން އެތައް ދަތިތަކާ ކުރިމަތި ވެފައެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، މުސާރަ ކުޑަ ކޮށްފައިވާ މި ދަނޑިވަޅުގައި ކުލި ދެއްކޭނެ ގޮތެއްނެތި މަގުމަތިވާން ޖެހުނު މީހުންވެސް ވަކި މަދެއް ނޫނެވެ.
މިއީ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެކެވެ. ކަންކަން މިހެން ހިނގާ ކޮންމެ ފަހަރަކު ސަރުކާރު ބޮލަށް ހުރިހާ ކަމެއް ޖެހުމަށް އެންމެން އަވަސްވެގަންނަނީ އަމިއްލަ ފަރުދީ ޒިންމާގެ މަތިން ހަނދާން ނައްތާލުމަށް ފަހުއެވެ. ކޮންމެ މީހަކުވެސް ބަލަނީ ދިމާވެފައިވާ ހާލަތުގެ ސަބަބުން އަނެކާ ކުށްވެރިކުރެވޭތޯ އެވެ.
އެންމެ ދަތި ދަނޑިވަޅުގައި އެއްގަލަކަށް ނޭރިއްޖެ ނަމަ ފަހުން ލިބޭ ދެރަ މާ ބޮޑުވާނެއޭ މުސްކުޅިން ބުނެއެވެ. މިއީ ރާއްޖޭގައިވެސް އަހަރެމެންނަށް މިހާލު ނުޖެހެނީސް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތެވެ. ބޭރު ގައުމުތަކަށް ދިވެހީން އިސްތިހާރު ކުރާ މެހުމާންދާރީކަމުގެ ހެޔޮ ސިފަތައް މިފަހަރު ދައްކައިދޭން ޖެހިފައިމިވަނީ އަމިއްލަ ވަޒަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި، އަހަރެމެންނަށް ފަސޭހަ ކުރުމަށް ރާއްޖެ އައިސް ތިބި ބިދޭސީ މަސައްކަތްތެރިންނަށެވެ.
ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ، ކޮންމެ ކަމެއްގައިވެސް އިސްރާފު ނުކުރުން އެއީ މިހާރު މުޖުތަމައުން ބަލައިގަންނަން ޖެހޭނެ އާދަތަކެކެވެ. އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމީ މި ދަތިހާލަތުން އަރައިގަތުމަށް މުހިއްމު ކަމެކެވެ. މީގެ ކުރިން އެތައް ފަހަރަކު ދިވެހިންގެ އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދީފައިވާއިރު، މިއީ ގައުމުގެ އެއްބައިވަންތަ ކަމުގެ މުހިއްމުކަން އެންމެ ބޮޑވެފައިވާ ވަގުތެވެ.