ކޮވިޑް ޖެހިފައިވާ މީހުން މާލެތެރެއިން ފެނި، މާލޭގައި ލޮކްޑައުން އިއުލާނު ކުރުމާއި ގުޅިގެން އެންމެން ގޭގައި ބަންދުވެ ޒަރޫރީ ބޭނުންތަކަށް ވެސް ބޭރަށް ދާން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަގު ފަހި ކޮށްދިނުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިން ހިމެނެއެވެ.
އަނބިދަރިންނާއި ލޯބިވާ އާއިލާތައް ދޫކޮށް ގެއަށް ނުދެވޭނެހެން ވަޒީފާގައި ޒިންމާގައި، ގައުމީ ހިދުމަތުގެ މަސްއޫލިއްޔަތަށް ޓަކައި މަގުތަކަށް ނުކުންނާން ޖެހޭ އެއްބަޔަކަށް ވާނީ ވެސް ފުލުހުންނާއި ސިފައިން ނެވެ. މި ސަބަބަށް ޓަކައި ޑިއުޓީގައި އުޅޭ ފުލުހުން ގެޔަށް ނުގޮސް ވަކިތަނެއްގައި ތިބޭގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް ކަމަށް ފުލުހުން ވަނީ ބުނެފިއެވެ.
ކާރިސާ އެއް ކުރިމަތިވުމުން ހަމަ ނިދި ނުލިބި 24 ގަޑިއިރު ޑިއުޓީ ގައި ތިބޭނީވެސް ހަމަ ސަލާމަތީ ބާރު ތަކެވެ. މިހާލަތުގައި ވެސް ފުލުހުންނާއި ސިފައިން ރައްޔިތުންނާ މުހާތަބު ކުރާތަން ފެންނަނީ ހިނިތުންވުމާ އެކު އޯގާތެރިކަމާ އެކު އެވެ.
މީހުން އުފުލުމާއި ކަނޑުމަތީގެ ގިނަ ހަރަކާތްތަކުގައި ސިފައިން އުޅޭ އިރު މަދަނީ ހިދުމަތުގައި ރަށުތެރެ ބަލަހައްޓައި ގުޅުން ހުރި އެފަދަ ހުރިހާ ކަންކަމުގައި އުޅެނީ ފުލުހުންނެވެ.
މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާނު ކުރުމާއި ގުޅިގެން މުޅި މީސް މިޑިއާގައި އާންމުން އޮއްސާލީ ފުލުހުންނަށް ޝުކުރު އަދާކޮށް ކޮށްފައިވާ ޕޯސްޓްތަކެވެ. އެ ޕޯސްޓުތަކުން ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންނަށް އޮތް ލޯތްބާއި އިހުތިރާމް އެނގިގެން ދެއެވެ. ފުލުހުންނަށް ޝުކުރު އަދާކޮށް މީހަކު ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ޑައިލެސިސް ހެދުމަށް ހޮސްޕިޓަލަށް ނުދެވިގެން އުޅެނިކޮށް ފުލުހުން އޭނާއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުން ހިތްވަރުން ލިބިގެން ގޮސްފިކަމަށެވެ.
ފުލުހުންގެ ހިދުމަތަށް ޝުކުރު އަދާކޮށް މާލެ ސިޓީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މަމްނޫން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "އޭޑީކޭގައި އޮތް އަޅުގަނޑުގެ ބައްޕަޔަށް ކާއެއްޗެހި ގެންދާނެ އެއްވެސް ގޮތެއް ނެތިގެން ގޭކައިރިން ދިޔަ ފުލުސް މީހާ ކައިރީ އެދުނީމަ ވަގުތުން ވިދާޅުވީ ކާއެއްޗެހި ހިފައިގެން ނިކުތުމަށް، ޕޮލިސް ކާރުގަ އަޅުގަނޑު ގޮވައިގެން ބައްޕައަށް ވަނީ ކާއެއްޗެހި ފޯރުކޮށްދީފަ. އަލްހަމްދު ﷲ" މިހެންނެވެ.
މިކަން މިހެން އޮތް ނަމަވެސް ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ބައެއް އާންމުގެ ސަބަބުން ދަތިތަކެއް ދިމާވެއެވެ. ލޮކްޑައުންގެ ހާލަތުގައި މަގުތަކަށް ނުނިކުތުމަށް އިލްތިމާސް ކުރަމުން އަންނަ އިރުވެސް ބައެއް މީހުން މަގުތަކަށް ނިކުމެ އުޅެއެވެ. އެމީހުންނާ މެދުވެސް މިހާލަތުގައި ފުލުހުން އަމަލު ކުރަމުން އަންނަނީ ވަރަށް އޯގާތެރިކަމާއި އެކުއެވެ. ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް ތަކުރާރު ވާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް ބުނެފައެވެ. އެއީ ރައްޔިތުންނަށް ވެސް އެންމެ ރައްކާތެރި ގޮތެވެ. އެހެން ކަމުން ރައްޔިތުން އާހިރުގައި އެކަން ގަބޫލު ކުރެއެވެ.
މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭ ސަރަހައްދު ޕެޓްރޯލް ކުރުމުގައި އެތައް ސަތޭކަ ފުލުހުންނެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މީހުން ފެނުމާއި ގުޅިގެން ފުލުހުންގެ އެލާޓު ލެވެލް އޮރެންޖަށް މަތިކޮށްފައިވާ ކަމަށާއި އެލާޓް ލެވެލް މަތިކުރުމުން ކުރިއަށް ވުރެ ގިނަ ފުލުހުން ކުރީ ސަފުގައި އެކި ކަންކަމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ހާލަތު އިތުރަށް ގޯސްވެ، މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، ސިފައިން މިހާރު ވަނީ މަގުތަކަށް ނުކުމެ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު މަދަނީ ހިދުމަތުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އެ ގޮތުން ކާބޯތަކެތި ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައްޔިތުންނަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތްތަކުގައި ވެސް ފުލުހުން އަންނަނީ ހަރަކާތެތެރިވަމުންނެވެ. ކޮވިޑް ބަލި މީހުން ތަންތަނަށް އުފުލުމާއި ކޮވިޑާއި ގުޅިގެން މީހުން އައިސޮލޭޝަންތަކަށް އަދި ކަރަންޓީނު ވަސީލަތްތަކަށް ގެންދިއުމުގައި ވެސް ސިފައިންނާއި ފުލުހުން ތިބީ އެންމެ ކުރީސަފުގަ އެވެ.
އެކަމަކު ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބައޮތެވެ. އެއީ މިދަތި ދަނޑިވަޅުގައި މަގުމައްޗަށް ނިކުންނަ ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ނުބެހެއްޓޭނެ ކަމެވެ. ފުލުހުންނާއި ސިފައިންގެ އެކޮށްދެމުން އަންނަ ގައުމީ މަސައްކަތަށް ލުޔެއް ދިނުމަށް އެމީހުން އަންގާފައިވާ އެންގުންތަކަށް އެންމެންވެސް ބޯލަނބައި ފަރުދީ ޒިންމާ އަދާކުރަން އެބަޖެހޭ ކަމެވެ. އެމީހުންނަށް ޝުކުރު އަދާކޮށް ބުނެލާ ހެޔޮބަހާއި އެއްވަރަށް އަމަލުން ވެސް އެކަން ދައްކަން ޖެހޭ ކަމެވެ. އެމީހުން ކުރަން ޖެހޭ މަސައްކަތަށް ލުއިކޮށްދިނުމަށް އެމީހުން އަންގާ އެންގުން ތަކަށް އަމަލުކޮށްދޭން އިސްކަން ދޭން ޖެހޭ ކަމެވެ. އެމީހުން މަސައްކަތް ކުރަމުން އަންނަނީ އަހަރެމެން އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކަމެވެ. އެމީހުންގެ ވެސް ތަދާއި ވޭން ހުންނާނެ ކަމެވެ. އެމީހުންގެ ވެސް އާއިލާތަކެއް ވެސް އޮންނާނެ ކަމެވެ.
ދަތި އުނދަގޫ ވެސް ތަހައްމަލުކުރާން ޖެހޭނެ އެވެ. އަހަރެމެންނަށްވުރެ މާ ދަތި މާ އުނދަގުލުގައި އުޅޭ އަހަރެމެންގެ ރާއްޖެއަށްވުރެ މާ ތަރައްގީ ގައުމުތައް ވެސް ދުނިޔޭގައި މި ވަގުތު އެބަހުއްޓެވެ. އެންމެ ރަނގަޅު ގޮތަކީ އެ ކަންކަމަށް ޝުކުރުކޮށް ހާލަތަށް ކެތްތެރިކަން އިސްކުރުމެވެ. އެންމެ ރައްކާތެރިގޮތަކީ ވެސް އެއީ އެވެ. މިހުރިހާ ކަމެއް ގުޅެނީ އަހަރެމެން އެންމެންގެ ފަރުދީ ޒިންމާ އަށެވެ. ކޮންމެ މީހަކީ ސިފައިންގެ މީހަކަށް ނުވަތަ ފުލުހަކަށް ވާކަށް ނުޖެހެ އެވެ. އެކަމަކު ގައުމަށް ޓަކައި އަހަރެމެންގެ ވާޖިބު އަދާކޮށްދޭން ޖެހޭ މީހަކަށް ހަމަ ކޮންމެ މީހަކުވެސް ވާން ޖެހެއެވެ. ގޭގައި މަޑުކޮށްދޭން ޖެހެ އެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.