ކޮވިޑް 19 ޖެހިފައި ވަނިކޮށް ފެނުނު ހަތް ވަނަ މީހާއަކީ މި ބަލި މުޖުތަމައުތެރެޔަށް ފެތުރިފައިވާ އިތުރު ކުރިއެއް ކަމަށް ބެލެވިއްޖެ އެވެ.
ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އަށް ފަހު ދެން ފެނުނު ފަސް މީހުންނަކީ ވެސް ސީދާ ކޮންޓެކްޓް ވެފައިވާ (ދިމާވެފައިވާ) މީހުންނެވެ. އެހެންކަމުން އެއީ އެއް ކުރިޔަކަށް ނިސްބަތްވާ ހަ މީހުންނެވެ. އެ ހަމީހުންނަށް ބަލި ޖެހިފައިވާކަން އާންމުކޮށް، އެޗްޕީއޭ އިން ކޮށްފައިވާ ޓުވީޓުތަކުން އެކަން އެނގެ އެވެ.
އެހެން ނަމަވެސް ހަތް ވަނަ މީހާގެ ހަބަރު އާންމު ކުރިއިރު އެފަދަ މައުލޫމާތެއް ނެތުމުން، އެކަމާ ވަން އިން ސުވާލު ދެންނެވުމުން، ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަތްވަނަ މީހާއާއި ކުރީން މާލޭން ބަލި ފެނުނު މީހުންނާ ސީދާ ކޮންޓެކްޓެއް އޮތްކަން އެނގިފައި ނުވާ ކަމަށެވެ.
"އެކަން އަޅުގަނޑުމެންގެ ހޯދުމުން އަދި ފެނިފައި ނުވާތީ ޓުވީޓުގައި ފާހަގަ ނުކޮށް އެ އޮތީ. އެކަން ބަލަމުން އަންނަނީ. ކުރީގެ މީހުންނާ މިކޭސްއާ ކޮންޓެކްޓެއް ނެތް ނަމަ މިއީ އިތުރު ބިރުވެރިކަމެއް، އިތުރު ކްލަސްޓާއެއް އޭރުން އެ އުފެދުނީ." މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް ޖެހިފައި ހުއްޓައި މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އަށް ބަލި ޖެހުނު ގޮތް މިހާތަނަށް އައި އިރު ހޯދިފައެއް ނުވެއެވެ. ފުރަތަމަ މީހާއާ ސީދާ ބައްދަލުވި މީހުންގެ އަދަދު ވެސް ހުރީ 200 އިން މަތީގަ އެވެ. ކޮވިޑާއި ގުޅިގެން ސަރުކާރު ބަންދުކޮށް، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރަމުން ދިޔަ ދުވަސްތަކުގައި އެމީހުން މަސްދަތުރު ގޮސް ޕާޓީ ބާއްވައި ހެދިކަން ވަނީ ހާމަވެފަ އެވެ.
ކޮވިޑު ޖެހިފައި ވަނިކޮށް މި ފެނުނު ހަތް ވަނަ މީހާއަކީ ކޮވިޑް ފެތުރޭ އިތުރު ކުރިއެއް ނަމަ، ބަލި ކޮންޓްރޯލު ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.