މުހައްމަދު ސިމާއު
މިދިޔަ ބުދަ ދުވަހު ނޫސްތަކުގެ ފަލަ ސުރުހީއަށް އެރި ހަބަރާއެކު މުޅި ރާއްޖެ ދިޔައީ ސިހިގެންނެވެ. މާލެއިން މީހަކު ކޮވިޑް 19 ޖެހިގެން އުޅޭ ހަބަރަށެވެ. ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ހާސްކަން އިންތިހާއަށް ދިޔައެވެ. ސަބަބަކީ އޭގެ ދުވަސްތަކެއް ކުރިން ސިއްހީ އިދާރާތަކުން ދިވެހިންނަށް ދެމުން އައި އިންޒާރުގެ މެސެޖެވެ. ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި މުޖުތަމައުގެ ތެރެއިން ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން މާލޭގައި 46،600 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެ ކަމަށް ބުނެފައި އޮތުމެވެ.
މިއާއެކު ދިވެހިން ކޮޅުކޮޅު މައްޗަށް ދުއްވައިގަތެވެ. އެއްބަޔަކު ގަސްތުކުރީ ސަލާމަތްވާން މާލެއިން ފުރައިގެން ދިއުމަށެވެ. އަނެއް ބަޔަކު ފިހާރަތަކަށް ވަދެ ގަނޑުކޮށް މުދާ ގަނެ ރައްކާކުރަން ފެށިއެވެ. ކޭހުން ބަސްތާއިންނެވެ. އެއަށްފަހު ދެން އިވުނީ 24 ގަޑިއިރަށް މާލެ ފުރަބަންދު (ލޮކްޑައުން) ކޮށް ބޭރަށް ނުކުތުން މަނާކުރި އެންގުމުގެ އަޑެވެ.
ނަމަވެސް ފަހުން ނިއުޅެމުންދިޔަ ވާހަކަތަކުން އިތުރު ކަންބޮޑުވުންތަކެއް އުފެދުނެވެ. ޕޮޒިޓިވް ވި ފުރަތަމަ މީހާ ނުވަތަ ކޭސް 21 އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި ބަލިޖެހިފައިވާ މީހަކާ ދިމާވެފައި ވެސް ނެތް މީހަކަށް ވުމެވެ. މިހާ ހިސާބުން ސިއްހީ މާހިރުންގެ މެދުގައި ވެސް އުފެދުނީ ބޮޑު ސުވާލެކެވެ. އޭނާއަށް އެބަލި ޖެހުނީ ކިހިނެއް ހެއްޔެވެ؟ ބަލި ޖެހިފައި ހުރި މީހެއްގެ ފަރާތުން ފެތުރޭ މިބަލީގައި ޕޭޝަންޓް ޒީރޯއަކީ ކާކު ހެއްޔެވެ؟ މިއީ ކޭސް 21ގެ ގަޔަށް ބަލި އަރަން އޮތް އެންމެ ފަސޭހަ ދެ މަގެވެ.
މާލެއިން ޕޮޒިޓިވް ވި ފުރަތަމަ މީހާއާ ގުޅިގެން އޭރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި ސިއްހީ އިދާރާތަކުން ދެން އަވަސްވެގަތީ އޭނާއާ ދިމާވެފައިވާ މީހުން ދެނެގަތުމަށެވެ. އަދި ކޭސް 21އާ ސީދާ ބައްދަލުވި މީހުންގެ ތެރެއިން އެކި ގޮތްގޮތުން ބައްދަލުވި މީހުން އެކަހެރިވާން އަންގަމުންދިޔައެވެ.
އެގޮތުން އޭނާއާ ސީދާ ބައްދަލުވި މީހަކު ހުރުމުން މާލެއިން ކާޑެއްދޫއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖެއްސުވިއެވެ. ކ. ކާށިދުއަށް ކޭސް 21 އާ ބައްދަލުވި މީހަކު ގޮސްފައިވާތީ އެރަށަށް އަރައި ފޭބުން ބަންދުކުރިއެވެ. އޭގެ އިތުރުން މާލެ، ހުޅުމާލެ އަދި އައްޑޫ ސިޓީގެ އިތުރުން ވެސް މި މީހާއާ ގުޅުން ހުރި މީހުން ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާކަން ޔަގީންވި އެވެ. އެއީ އަދި އެންމެ 24 ގަޑިއުރުގެ ކޮންޓެކްޓް ޓްރޭސިން އިންނެވެ. މި އަދަދާއި ގުޅިގެން ހާމަވާ ތަންތަނާއި ރަށްތައް އަދި އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ކޭސް 21 އާއި ބައްދަލުވި މީހުން އުޅޭ ގެތަކަށް ހުއްދަ ނެތް އެއްވެސް މީހަކު ވަދެ ނުކުތުން އެޗްޕީއޭ އިން މަނާކުރިއެވެ. އެގޮތުން 22 ގެއެއް މިހާތަނަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިހާތަނަށް އުފެދެނީ އަނެއްކާ ވެސް ކަންބޮޑުވުންތަކެކެވެ. ކޭސް 21 އާ ސީދާ ދިމާވެފައިވާ މީހަކު އެކަން ނޭނގި ރަށަކަށް ގޮސް ހުއްޓާ، އޭނާ ބައްޔަށް ޕޮޒިޓިވް ވުމެވެ. އެހެންވެއްޖެނަމަ ފްލައިޓެއްގައި ނުވަތަ ލޯންޗެއްގައި ދިޔަ މީހެއްނަމަ އެމީހަކާއެކު ދަތުރުކުރި އެންމެން ހޯދަން ޖެހޭނެއެވެ. އަދި އެތައް ރަށަކަށް ބަލި ފެތުރުމުގެ ނުރައްކާ އެހާ ހިސާބުން ބޮޑުވާނެއެވެ. އެހާތަނަށް ދާއިރު އެއްވަނަ ދެވަނަ އަދި ތިން ވަނަ ކޮންޓެކްޓް މެދުވެރިކޮށް ވައިރަސް އެތައް ސަތޭކަ ނުވަތަ އެތައް ހާސް މީހުންނަކާއި ހަަމަޔަށް އޮންނާނީ އުފުލައިދެވިފަ އެވެ.
މާލެއިން ފެނުނު ޕޮޒިޓިވް ކޭސްއާއެކު އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމަށް މުޅި މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކުރިއެވެ. މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކޭސް 21ގެ ދެ އަހަރު ނުފުރޭ ތުއްތު ދަރިފުޅު އަދި ސީދާ ކޮންޓެކްޓުވި އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ.
ކޮވިޑް 19އާއި ގުޅޭ ކަންކަން ވިލަރެސް ކުރާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ކޭސް 21އާ އޭނާގެ ދަރިފުޅާ ސީދާ ބައްދަލުވެފައިވާ 207 މީހަކު އެހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތިން ވަނައަށް ޕޮޒިޓިވްވި ކޭސް 23 އާ ކޮންޓެކްޓުވި 35 މީހަކު ހޯދިފައިވާ ކަމަށެވެ. މިއަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި، ކޭސް 21 އާ ސީދާ ބައްދަލުވެފައިވާ އެހާ ގިނަ ބަޔަކު ފާހަގަ ކުރެވިފައިވަނީ ޕާޓީ ބޭއްވުމާއި މަސްދަތުރު ދިއުމާއި ދަންނަ ގޭގެއަށް ޒިޔާރަތްކޮށް ސައިކަލު ބުރު ޖެހުން ފަދަ ގިނަ ބަޔަކު ބައިވެރިވެގެން ގިނަ ކަންކަން ކޮށްފައިވާތީއެވެ.
މިއީ ރާއްޖޭން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމުގެ ކުރިންނާއި ފެނުމަށްފަހު ވެސް ސިއްހީ މާހިރުން ދައްކަމުންދިޔަ ވާހަކައެވެ. ކުރަމުންދިޔަ އާދޭހެވެ. ގޭގައި މަޑުކޮށްދިނުމަށެވެ. ފަރުދީ ޒިންމާ އަދާކުރުމަށެވެ.
މިއަދު މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެ މިވަނީ ލޮކްޑައުން ކޮށްފައެވެ. އެގޮތުން ރަށްރަށަށް އަރައި ފޭބުން މަނާކޮށް ރަށްރަށުގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓާލަން ވަނީ އަންގައިފައެވެ. ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހެފުމާއި ދަތުރުދިއުމާއި މޫދަށް އެރުމާއި ކުޅިވަރުކުޅުމާއި އިޖްތިމާއީ އެނޫންވެސް ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
މި ފިޔަވަޅުތަކަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކެއް ނަމަވެސް މީގެ އެދެވޭ ނަތީޖާ ފެންނާނީ އެ އެންގުންތައް ހެޔޮ ހިތުން ބަލައިގަނެގެންނެވެ. އެންގުންތަކަށް ބޯލަނބައިގެންނެވެ. ބަސް އަހައިގެންނެވެ. ކޮންމެ ކަމެއް ދަނޑިމާރު އަޅައިގެން ނުބެލޭނެކަން ވެސް ދަންނަންވާނެއެވެ.
އެހެންނޫނީ ރަށެއްގެ ތެރޭގައި ބަލި ފެތުރިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލުންވާނީ އެރަކަށް އެކަންޏެއް ނޫނެވެ. މުޅި ގައުމަށް އޭގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކުރާނެއެވެ. ވިސްނާށެވެ! ސިއްހީ ތަޖުރިބާކާރުންގެ ބަސް ގަބޫލުނުކޮށް މާލެއިން ފެންނަމުންދާ ތަޖުރިބާއިން އިބުރަތް ހާސިލުކުރާށެވެ. ގޭގައި މަޑުުކުރާށެވެ! ފަރުދީ ޒިންމާ އަދާކޮށްދޭށެވެ!