ޕީޕީއެމް މެމްބަރުންގެ ތާއީދާއެކު ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުންނަކީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ.
ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ރާއްޖެއަށް އަލުން ކޮމަންވެލްތުގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކޮށްގެންނެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށްފަހު ވަކިވީ 2016 ވަނަ އަހަރު މަޖިލީހުން ނިންމި ނިންމުމާއެކުއެވެ.