ވިޔަފާރި

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ނެގޭ އަދަދު އިތުރުކޮށް، ދިވެހި ފައިސާއިން ބޭރަށް ފައިސާ ފޮނުވޭނެ ގޮތް ހަދައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން ރާއްޖޭން ބޭރުގައި ތަފާތު ދަތިތަކާ ކުރިމަތިވެފައިވާ ދިވެހިންނަށް ބޭންކިން ހިދުމަތް ހޯދުމުގައި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދިވެހި ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ، މި އިންތިޒާމުގެ ސަބަބުން ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ކަމަށެވެ.

މިގޮތަށް ފައިސާ ފޮނުވުމުގައި ބީއެމްއެލުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި ކަސްޓަމަރުން ދައްކަންޖެހޭނީ ހަމައެކަނި ފޮރިން ބޭންކު ޗާޖު ކަމަށް ވެސް ބޭންކުން ބުނެއެވެ.

އޭގެ އިތުރުން ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ ގޮތް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.

ބީއެމްއެލުން ބުނީ، އެ ހިދުމަތް ލިބިގެންދާނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށެވެ.

މި ބަދަލުތަކުގެ އިތުރުން ވެސް ރާއްޖޭން ބޭރުގައި ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމުން ނެގޭ އަދަދު ވަނީ 1000 ޑޮލަރާ ހަމައަށް އިތުރުކޮށް، ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭނުންކުން ނަގާފީ ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރި ކުރެވޭނެއެވެ.

ރާއްޖޭން ބޭރުގައި ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމުން ނެގޭ އަދަދު ވަނީ 1000 ޑޮލަރާ ހަމައަށް އިތުރުކޮށްފައިވާއިރު މިހާރު ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ނެގެނީ ދުވާލަކު 400 ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

ބީއެމްއެލުން ބުނީ، މިވަގުތަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މި ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނީ މޭ މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ ހާލަތަށް ބަލައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކޮވިޑް 19ގެ ސަބަބުން ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތައް ބޭންކުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.