ކޮވިޑް19އާ ގުޅިގެން މާލޭގައި އިއުލާނުކޮށްފައިވާ ލޮކްޑައުނުގެ ހާލަތުގައި ބޭރަށް ނުކުތުމުގެ ހުއްދަ އާއިލާއަކުން އެކަކަށް ދިނަސް މަގުތައް ފުރޭނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުންއަކަށް ގޮސްފައިވާތީ މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑެލިވަރީގެ ހިދުމަތް ނުލިބޭ ހާލަތުގައި އާއިލާއަކުން އެކަކަށް ފިހާރަތަކަށް ދިއުމުގެ ހުއްދަ ދޭން ވިސްނަވާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ ފުރަތަމަ ވިސްނުން ހުރީ ޑެލިވަރީގައި ހިފަހައްޓާލަން ކަމަށާއި ނަމަވެސް ދެވަނަ ހާލަތަކަށް ދާންޖެހިއްޖެނަމަ ޓާސްކްފޯސް އިން އެގޮތަށް އިރުޝާދު ދީފި ކަމުގައިވާނަމަ ކޮންމެ ގެއަކުން އެކަކު ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދޭނެ ކަމަށެވެ.
އެހެންނަމަވެސް މާލޭގެ އެއްތަނެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެމުން ދިއުމުގެ ސަބަބުން އެގޮތަށް ހުއްދަ ދީފި ނަމަ މަގުތަކަށް މީހުން ގިނަވެ މަގުތައް ފުރި ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވާނެ ކަމަށެވެ.
"މާލޭގެ އެންމެ ބްލޮކެއްގައިވެސް އެތައް އާއިލާއެއް އެބަ ދިރިއުޅޭ. އެހެންވީމަ އެންމެ މީހަކަށް ހުއްދަ ދިންނަމަވެސް މަގު ފުރޭނެ. ހިސާބުގަނޑު ފުރޭނެ. އެހެންނަމަވެސް އަޅުގަނޑުމެން އެބަ ބަލަން މާލޭގެ އެކި ބްލޮކްތައް ބަހާލައިގެން ހިދުމަތް ދެވޭނެ ގޮތެއް އޮތްތޯ ވެސް. މިހާރުވެސް ފުލުހުންނާއެކު ދަނީ އެކަމުގެ މަޝްވަރާ ކުރަމުން." ޝިފާ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ކުރިން އޮތްގޮތަށް ހުއްދަތައް ދޫކުރަން ފެށިނަމަ މަގުމައްޗަށް މިއަށްވުރެވެސް ގިނަ މީހުން އެއްވާނެ ކަމަށާއި އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ ކަމަށެވެ. އަދި މަގުސަދު ހާސިލު ވާނީ މިވަގުތު ކޮންމެވެސް ވަރެއްގެ ލިމިޓެއް ބާއްވައިގެން ކަމަށް ޝިފާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ހުރިހާ ހުއްދައެއް ދޫކޮށްލިނަމަ މަގުތައް ކޮންޓްރޯލު ކުރަން ފުލުހުންނަށް ދަތިވެގެންދާނެ ކަމަށާއި އެންމެންގެ ސަލާމަތަށްޓަކައި 24 ގަޑިއިރު ހިފަހައްޓާލަން ޖެހޭ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.