ފުޓްބޯޅަ

ޔޫރަޕްގެ ލީގުތައް ކެންސަލް ކުރުމުގެ ވިސްނުމެއް އަދި ނެތް: އަލްބާޓޯ ކޮލަމްބޯ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19ގެ ބިރުވެރިކަން ކުޑަނުވިނަމަވެސް ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ކެންސަލްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޔޫރަޕިއަން ލީގު ގްރޫޕުން ބުނެފިއެވެ.

ފޯރިގަދަ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގު ހިމެނޭގޮތަށް ޔޫރަޕްގެ 36 ގައުމެއްގެ ލީގު ތަމްސީލުކުރާ ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ ކޮވިޑް 19 އިން އަރައިގަނެވޭނެ ސީދާ ދުވަހެއް ކަނޑައަޅަން ނޭނގޭ ކަމަށާއި އެކަމަކުވެސް ޔޫރަޕްގެ އެއްވެސް ލީގެއް ކެންސަލްކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"ސަޕޯޓަރުން ނުވައްދައި ލީގުތައް ފެށުމުގެ ހިޔާލެއް މި އޮތީ. އެއީ ގިނަ ގައުމުތަކުން ވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށް ފަހު ނިންމާފައި އޮތް ގޮތް. އެކަމަކު މެޗުތައް ފެށޭނީ ކޮން ދުވަހަކުން ކަމެއް އަދި ބުނަން ދަތި،" ކޮލަމްބޯ ވިދާޅުވިއެވެ.

ބައެއް ގައުމުތަކުން ލީގު ކެންސަލްކުރަން ގޮވާލަމުންދާއިރު، މުބާރާތް ކެންސަލް ނުކުރަން ނިންމި ސަބަބެއްކަމަށް އަލްބާޓޯ ބުނީ ސީޒަން ފުރިހަމަ ނުކޮށްފިނަމަ ލިބޭ މާލީ ގެއްލުންތައް މާ ބޮޑުވާނެތީ ކަމަށެވެ.

"ހުރިހާ ފޯކަސް އެއް މިވަގުތު މިހުރީ އަލުން ލީގުތައް ފެށޭނެ ގޮތްތަކެއް ހޯދަން. އަންނަ ހޫނު މޫސުމުގައި ނަމަވެސް މެޗުތައް ކުޅެވޭތޯ ބެލުމަކީ މުހިއްމުކަމެއް. އެއީ ސީޒަން ފުރިހަމަ ނުކޮށްފިނަމަ ލިބޭ މާލީ ގެއްލުންތައް މާ ބޮޑު،" ކޮލަމްބޯ ވިދާޅުވިއެވެ.

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ޔޫރަޕްގެ ލީގުތައް މެދުކަނޑާލާފައިވާ އިރު، ބައެއް ގައުމުތަކުގެ ޓީމުތަކުން އަންނަނީ ލީގު ބޭއްވޭނެ ތާރީހެއް އަދި ނޭނގުނު ނަމަވެސް ފަރިތަކުރުންތައް ބާއްވަމުންނެވެ.

އެގޮތުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ހަމައެކަނި ޓީވީ އިވެންޓެއްގެ ގޮތުގައި ޖޫން ނުވަތަ ޖުލައިގައި ކުރިއަށްގެންދިއުމަށް އެގައުމުގެ އެފްއޭއިން މަޝްވަރާކުރަން ފަށައިފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.