ޝިފާ މުހައްމަދު

ހިދުމަތްތައް ކުޑަކޮށް ދަތި ވާނެ، އެކަމަކު އެއަށްވުރެ ބޮޑަށް މި 24 ގަޑިއިރުވެސް ވިސްނަންވީ ރައްކާތެރިކަމަށް: ޝިފާ

ހިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތި ވާނެ ކަަމަށާއި، އެކަމަކު އެއަށްވުރެ ބޮޑަށް މި 24 ގަޑިއިރުވެސް ވިސްނަންވީ ރައްކާތެރިވެ ތިބުމަށްކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުންއަކަށް ގޮސްފައިވާތީ މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ މިދަނޑިވަޅުގައި ވިސްނަންވީ ދިމާވާ ދަތިތަކަށް ނޫން ކަމަށާއި އެއަށްވުރެ ބޮޑަށް މި 24 ގަޑިއިރުވެސް ވިސްނަންވީ ރައްކާތެރިވެ ތިބުމަށް ކަމަށެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލުން ހުރިހާ ހުއްދައެއް ދޫކޮށްލިނަމަ މަގުތައް ކޮންޓްރޯލު ކުރަން ފުލުހުންނަށް ދަތިވެގެންދާނެ. މިދަނޑިވަޅުގައި ހިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާނެ. އެހެންނަމަވެސް އެންމެންގެ ސަލާމަތަށްޓަކައި 24 ގަޑިއިރު ހިފަހައްޓާލަން ޖެހޭ،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ލޮކްޑައުންގެ މިހާލަތުގައި އެންމެން މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި ދަނޑިވަޅެއްގައި ކަމަށާއި މިދަނޑިވަޅުގައި ދިމާވާ ދަތި ކަންތައްތަކަށް ހައްލުކޮށްދިނުމަށްޓަކައި ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.