މުދާ ޑެލިވާކުރާ އިތުރު ފިހާރަތަކަށް ހުއްދަ ލިބުމުން މިހާރު ކުރިމަތިވާ ދަތިކަން ބޮޑުތަނުން ހައްލުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕަރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ މާލެ ލޮކްޑައުންއަށް ގެނެވުނީ ކުއްލިއަކަށް ކަމަށް ވުމުން އެކި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
ރަޝީދު ވިދާޅުވީ ވިސްނުން ހުރީ ގިނަ އަދަދެއްގެ މީހުން ޒަރޫރީ ބޭނުންތަކަށް އެއްޗެހި ގަތުމަށް ބޭރަށް ނުކުތުމުގެ ބަދަލުގައި ޑެލިވަރީ ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން މީގެ ކުރިން 195 ތަނަކަށް ޑެލިވާ ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް މިއަދު އެކަނިވެސް 188 ކަންމަތީ ފިހާރަތަކަށް ހުއްދަ ދޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ޑެލިވަރީގެ ކަންކަން ހަމަޖެހުމުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުމަށް ނުކުންނަން ނުޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މިގޮތަށް ކަންކަން ހަމަޖެއްސި ނަމަވެސް ޒަރޫރީ ކަމެއްގައި ބޭރަށް ދިއުމުގެ ކުރިން ފުލުހުންނަށް ގުޅައިގެން، ނުވަތަ ޕޯޓަލް މެދުވެރިކޮށް ބޭރަށް ނުކުތުމަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ރިކުއެސްޓް ކުރުމުން އެކަންކަން އެޕްރޫވު ކުރާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ޓްރެވަލް ހިސްޓްރީއެއް ނެތި ކޮވިޑް 19 އަށް ޕޮސިޓިވްވި މީހަކު މާލެއިން ފެނުމާއެކު މާލެ ވަނީ އިއްޔެ 24 ގަޑިއިރަށް ލޮކްޑައުންއަށް ގެނެސްފައެވެ. އަދި މިއަދު ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.