ޝިފާ މުހައްމަދު

ހިދުމަތުގައި އުޅޭ މީހުންނަށް ދަތުރުފަތުރު ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ވަގުތުގައި ހިދުމަތުގައި އުޅޭ މީހުންނަށް ދަތުރުފަތުރު ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ލޮކްޑައުންގެ ވަގުތުތަކުގައި އާންމުންނަށް ހިދުމަތްދިނުމުގައި އުޅޭ މީހުންނަށް ދަތުރުފަތުރު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ ހިދުމަތުގައި އުޅޭ މީހުންނަށް ފާސްތައް ދޫކޮށްފައިވާނެ ކަމަށެވެ. އަދި ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށްޓަކައި ދަތުރުފަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ބަލިމީހުންގެ ކައިރީގައި ތިބޭ އެހީތެރިންނަށް ހޮސްޕިޓަލުންދީފައިވާ އެހީތެރިޔާގެ ފާސް ދެއްކުމުން ފެރީތަކުން ދަތުރު ކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އާންމުންނަށް ހިދުމަތްދޭން ސަރުކާރުން ހުއްދަ ދީފައިވާ މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ލޮކްޑައުން އައިއިރު ވިލިމާލޭގައި ނާދެވި ދެ އާއިލާއެއް ތިބި ކަމަށާއި އެހެންކަމުން އެމީހުންނަށް ވެސް އާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނީ މާލެތެރެއިން ކޮވިޑް 19 ޖެހިފައިވާ ބަޔަކު ފެނުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެގެ 15:30 ގައި އިއުލާނުކުރި 24 ގަޑިއިރުގެ ލޮކްޑައުންގެ މުއްދަތު ވަނީ މިއަދު އަނެއްކާ ވެސް އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންނަށް ތަކެތި ގަތުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސިޓީ ކައުންސިލުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.