މި ހާލަތީ ހާއްސަ ހާލަތެއް ކަމަށާއި ދިރިއުޅުމުގެ ބައެއް ކަންކަން ތަރުތީބުކޮށް އިގްތިސޯދުކުރަން ދަސްކުރަން އެބަ ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ މިދަނޑިވަޅުގައި އެންމެން ވެސް ކެއުމުގައި ވަކި ގަޑިތަކެއް ގެންގުޅެ، ކުރިއަށް އޮތްތަނުގައި އިގްތިސޯދުކުރަން ދަސްކުރަންޖެހޭ ކަމަށެވެ.
"ރޭގެ ދަންވަރު ގަޑީގައި ވެސް ބައެއް ބޭފުޅުން ގުޅުއްވި ކާތަކެތި ނުލިބިގެން، ޕެކެޓު ނުލިބިގެން. އަޅުގަނޑުގެ އިލްތިމާސަކީ ކެއުމުގައި ވެސް ވަކިވަކި ގަޑިތަކެއް އަޅުގަނޑުމެން އެބަގެންގުޅުއްވަން އެބަޖެހޭ ކުރިއަށް އޮތްތަނުގައި،" މޭޔަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޑެލިވަރީ ކޮށްދޭ ފަރާތްތަކުން ވެސް ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 12:00 އާ ހަމައަށް ކަމަށެވެ. އެހެންކަމުން 12ގެ ފަހުން ކާބޯތަކެތި ހޯދަން އުޅުމުން ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އަދި މިހާލަތުގައި އެންމެން ވެސް ހުރިހާ ކަންތައްތައް ތަރުތީބު ކޮށްލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މިހާލަތުގައި ގޭތެރޭގައި ކުނި އުފެދޭވަރު މަދުކޮށް ވެމްކޯއިން އަންގާފައިވާ މިންގަނޑާއި އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަމުގައި އަމަލުކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.