ޝިފާ މުހައްމަދު

ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ހުރިހާ ކަންމަތީ ފިހާރަތަކަށް މިރޭ ފުލުހުން ފާސް ދޫކުރާނެ: ޝިފާ

އައިދާ އަބްދުލް ހަކީމް

ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ހުރިހާ ކަންމަތީ ފިހާރަތަކަށް މިރޭ ފުލުހުން ފާސް ދޫކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުންއަކަށް ގޮސްފައިވާތީ މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ޑެލިވަރީ ސާވިސްތަކަށް ދަތިކަމެއް އައި ކަމަށެވެ. އެގޮތުން ކަންމަތީ ފިހާރަތައް ހުޅުވުމަށް ދިއުމަށް ދަތިވި މައްސަލައަކާއި ގިނަ ފާސް ނުލިބުމުގެ ސަބަބުން ދިމާވި މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ.

އެހެންކަމުން އެކަން ރަނގަޅުކުރުމުގެ ގޮތުން ކަންމަތީ ފިހާރަތައް ހުޅުވުމަށްޓަކައި ބޭނުންވާ ފާސް، ސިޓީ ކައުންސިލްގައި ރަޖިސްޓްރީވާ ހުރިހާ ކަންމަތީ ފިހާރަތަކަށް ފުލުހުންގެ ޓޯޔާޑުން މިރޭ ދޫކުރާނެ ކަމަށެވެ.

"އެ ދެ ކަންތަކަށް ވެސް ފުލުހުންނާ ވާހަކަދައްކައިގެން ހައްލު ހޯދުމަށް ފުލުހުން ވަނީ އޮންލައިންކޮށް ނަމަވެސް ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވައިލާފައި. މިރޭ އަށެއް ޖަހާ ހިސާބަށް ފުލުހުން ކަންމަތީ ފިހާރަތަކަށް ހުއްދަ ދެއްވާނެ،" ޝިފާ ވިދާޅުވިއެވެ.

ނަމަވެސް އެ ފާސް ލިބޭނީ މީގެ ކުރިން ސިޓީ ކައުންސިލުން ކުރި ސާވޭގައި ޑެލިވަރީކޮށްދޭނެ ކަމަށް އެއްބަސްވެފައިވާ ފިހާރަތަކާއި މިހާރުވެސް ރަޖިސްޓާ ކުރަމުން އަންނަ ފިހާރަތަކަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނީ މާލެތެރެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެގެ 15:30 ގައި އިއުލާނުކުރި 24 ގަޑިއިރުގެ ލޮކްޑައުންގެ މުއްދަތު ވަނީ މިއަދު އަނެއްކާ ވެސް އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންނަށް ތަކެތި ގަތުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސިޓީ ކައުންސިލުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.