ޝިފާ މުހައްމަދު

ލޮކްޑައުންގެ ވަގުތުގައި ރައްޔިތުން ތިބީ ސަރުކާރުން އެންގި ގޮތަށް ބަސް އަހައިގެން: ޝިފާ

އައިދާ އަބްދުލް ހަކީމް

ލޮކްޑައުންގެ ވަގުތުގައި ރައްޔިތުން ތިބީ ސަރުކާރުން އެންގި ގޮތަށް ބަސް އަހައިގެން ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން މީގެ ކުރިން އޮތް ނަމަވެސް، ލޮކްޑައުން ހާލަތަށް ދިއުމަށްފަހު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި ރައްޔިތުން ތިބީ ސަރުކާރުން އެންގި ގޮތަށް ބޭރަށް ނުގޮސް ބަސްއަހައިގެން ކަމަށް ޝިފާ ވިދާޅުވިއެވެ.

"ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލާނަން މިދިޔަ ވަގުތުކޮޅުގެ ތެރޭގައި، ލޮކްޑައުންއާ ގުޅިގެން ރައްޔިތުން ވަރަށް ބަސްއަހައިގެން މިކަމުގެ ކަންބޮޑުވުން އޮތަތީވެ ހަމަ ސަރުކާރުގެ ފަރާތުން އެންގެވި ގޮތަކަށް އެކަންކަން ކުރަމުން ގެންދެވިކަން،" ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ކުރިން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މުއައްސަސާތަކުގެ އެކި ފޯނުކޯލްތަކަށް ޖަވާބު ދެމުން ގެންދިއުމާ ގުޅިގެން ހައްލުތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ނަންބަރުތައް މަދުވުމުން މިއަދު އިތުރު ނަންބަރުތައް އިއުލާނު ކުރާނެ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންއަކަށް ގޮސްދާނެތީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.