ޓެކްނޮލޮޖީ

އެޕަލްގެ އާފޯން "އައިފޯން އެސް އީ" ތައާރަފުކޮށްފި

އެޕަލްގެ އާފޯން "އައިފޯން އެސް އީ" ތައާރަފުކޮށްފިއެވެ.

އެޕަލް އިން އިއްޔެ ތައާރަފު ކުރި އައިފޯން އެސް އީ އުފައްދާފައި ވަނީ އެޕަލްގެ އައިފޯން 8 ގެ ޑިޒައިން އާ އެއްގޮތަކަށެވެ. 4.7 އިންޗީގެ ޑިސްޕްލޭއެއް ހުންނަ މިފޯނުގައި ފަހުގެ އައިފޯނުތަކާއި ހިލާފަށް ޓަޗް އައިޑީ ފީޗާ ހިމެނޭ ހޯމް ބަޓަން ހުންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.

އައިފޯން އެސް އީ އެޕަލްގެ އައިފޯން 8 އާ އެއްގޮތް ނަމަވެސް މިފޯނުގައި ވަރުގަދަ ޕްރޮސެސާ އަކާއި ކެމެރާއެއް ހިމެނޭނެއެވެ. މިފޯނުގައި އައިފޯން 11 އަދި 11 ޕްރޯގެ މޮޑެލްތަކުގައި ހިމެނޭ އެޕަލްގެ އޭ13 ބަޔޮނިކް ޗިޕްވެސް ހިމެނެއެވެ.

އައިފޯން އެސް އީގެ ބާރުގަދަ ޕްރޮސެސާގެ ސަބަބުން މިފޯނުގެ ކެމެރާގައި ވަނީ އިތުރު ފީޗާތަކެއް ހިމަނާފައެވެ. އައިފޯން އެސް އީގެ ފަހަތުގައި ހިމެނޭނީ 12 މެގަޕިކްސެލްގެ އެންމެ ކެމެރާއެވެ. މިފޯނުގައި ހިމެނޭ އޭ13 ބަޔޮނިކް ޗިޕްގެ ސަބަބުން ސްމާޓް އެޗްޑީއާރް ފޮޓޯގްރަފީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. އައިފޯން އެސް އީ އިން ނަގާ ފޮޓޯ ހުންނާނީ ގިނަ ޝޮޓްތަކެއް އެކުލެވިގެންނެވެ. މީގެ ސަބަބުން އިތުރަށް ފޮޓޯ ޑީޓެއިލްވެ ފުރިހަމަވާނެއެވެ. އެޕަލްގެ 'މޮނޯކިއުލާ ޑެޕްތު ސެންސިން' ޓެކްނޮލޮޖީގެ އެހީގައި އައިފޯން އެސް އީގެ ޕޯޓްރެއިޓް ފޮޓޯތައްވެސް އިތުރަށް ފުރިހަމަވާނެއެވެ.

އައިފޯން އެސް އީ --

އައިފޯން އެސް އީގެ ތިން ރޭންޖެއްގެ ފޯން ބާޒާރަށް ނެރުމަށް ވަނީ ނިންމައިފައެވެ. 64ޖީބީ އަދި 128ޖީބީގެ އިތުރުން 256ޖީބީގެ ފޯނު ވަނީ ތައާރަފު ކޮށްފައެވެ. އައިފޯން އެސް އީގެ 64ޖީބީގެ ފޯން ވިއްކުމަށް ހަމަޖައްސާފައިވަނީ 399ޑޮލަރަށެވެ. އަދި 128ޖީބީގެ ފޯން 449ޑޮލަރަށް ވިއްކުމަށް ހަމަޖައްސާފައިވާއިރު 256ޖީބީގެ ފޯނު ވިއްކުމަށް ހަމަޖައްސާފައިވަނީ 549ޑޮލަރަށެވެ.

އައިފޯން އެސް އީގެ ކަޅު އަދި ހުދުގެ އިތުރުން ރަތް ކުލައިގެ ފޯން ބާޒާރަށް ނެރޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

މާދަމާއިން ފެށިގެން އައިފޯން އެސް އީއަށް ޕްރީ އޯޑަރު ކުރެވޭނެއެވެ. އަދި މިމަހުގެ 24 އިން ފެށިގެން އައިފޯން އެސް އީ ޝިޕްކުރަން ފަށާނެކަމަށް ވެސް އެޕަލްއިން ބުނެއެވެ.