ބޮލީބުޑް ތަރި ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނާސްގެ ކައިވެނީގެ ފޮޓޯތައް ހައި މެގަޒިންގެ ފަރާތުން ރިލީސް ކޮށްފިއެވެ.
ޖޯދުޕޫރުގައި އޮތް މި ކައިވެނި ވަނީ ކްރިސްޓިއަން އަދި ހިންދޫ ގޮތަށްވެސް ކޮށްފައެވެ.
ހޮނިހިރު ދުވަހު ކްރިސްޓިއަން ކައިވެނި ކުރިއިރު އިރު ޕީސީ ލާފައި ހުރީ ރަލްފް ލޮރޭންގެ ގައުނެކެވެ. ނިކް އެދުވަހު ލާފައި ހުރީ ރަލްފް ޑިޒައިން ކޮށްފައިވާ ސޫޓެކެވެ.
މި ވެޑިން ގައުން ވަނީ އަތުން އެމްބްރޮއިޑަރީ ހަދައިފައެވެ. އަދި 75 ފޫޓުގެ ވެއިލެއްވެސް ވަނީ ބޮލުގައި އަޅައިފައެވެ.
ޕީސީގެ ގައުންގެ ލޭސް ފޮތިން "މައި ޖާން" ޖަހާފައި ވާ ފޮތި ކޮޅެއް ވަނީ ނިކްގެ ޓަކްސީޑޯގެ އެތެރޭގައި ހަރުކޮށްފަ އެވެ.
އާދިއްތަ ދުވަހު އޮތީ ހިންދޫ ކައިވެންޏެވެ. މި ކައިވެނީގައި ޕީސީ ލާފައި ހުރީ ޓްރެޑިޝަނަލް ރަތް ކުލައިގެ ލެހެންގާ އެކެވެ. މި ލެހެންގާ ޑިޒައިން ކޮށްފައި ވަނީ ސަބްޔާސަޗީއެވެ.
މި ލެހެންގާގައި އިންޑިއަން ޓްރެޑިޝަނަލް ޓްވިސްޓް އަކަށް ޕްރެންޗް އެމްބްރޮއިޑަރީ ހަދާފައިވާ އިރު ވެސްޓާން އިންސްޕަޔާޑް ވެއިލެއް ވަނީ އަޅައިފައެވެ.
ހެދުމާއެކު 184.50 ކެރެޓްގެ ޕިއާ ޝޭޕްގެ ޑައިމަންޑް ޗޯޕާޑް ބްރޭންޑްގެ ރަން ފަށެއް ވަނީ އަޅައިފައެވެ. މި ފަށުގައި 18 ކެރެޓް އެތިކަލް ވައިޓް ގޯލްޑް ހިމެނޭ ކަމަށް ވެއެވެ. ޕީސީގެ ބޮލުގައި އޮތް ހެޑް ޕީސް ވެސް ހުރީ ޑައިމަންޑެންނެވެ.
ނިކް ލާފައި ހުރީ ޓްރެޑިޝަނަަލް ޓާބަން އަކާއި ގޯލްޑް ޝާވަނީ އެކެވެ. އަދި ގޯލްޑް ބޫޓެކެވެ. މި ކައިވެންޏަށް ނިކް ދިޔައީ އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ގޮތަށް އަހެއްގައެވެ.
36 އަހަރުގެ ޕީސީ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ފޮޓޯތައް އިއްޔެ ރިލީސް ކޮށްފައިވާއިރު މީގެ ކުރިން ވަނީ މެހެންދީ އަދި ސަންގީތު ހަފްލާތަކުގެ ފޮޓޯތައް މީސް މީޑިއާގައި މިދެތަރިން ހިއްސާކޮށްފައެވެ.